އިތުރު ދަރަންޏެއް ނުނަގައި އަދި ހަރުމުދަލެއް ނުވިއްކައި 524 މިލިއަން ޑޮލަރުގެ ސުކޫކު ދައްކާފިން: ރައީސް
ދައުލަތުގެ އެއްވެސް ހަރުމުދަލެއް ވިއްކާލުމެއް އަދި އިތުރު ލޯނެއް ނެގުމެއް ނެތި، ރާއްޖޭގެ އަމިއްލަ އިގުތިސާދީ ފުދުންތެރިކަމުގެ ތެރެއިން ސުކޫކު އެއްކޮށް ދައްކައި ޚަލާސްކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އއ. ރަސްދޫގައި ޕީއެންސީން ހޯދި އިންތިޚާބީ ކާމިޔާބީތައް ފާހަގަކުރުމަށް ރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ނަގާފައިވާ 8 ބިލިއަން ރުފިޔާގެ މި ބޮޑު ދަރަންޏަކީ އެއްވެސް ވަރަކަށް އަނބުރާ ދެއްކުމުގެ ވިސްނުމެއް ނެތި އުފައްދާފައިވާ މާލީ ބުރައެކެވެ. ނަމަވެސް، މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކަށް ހެއްދެވީ ރައްޔިތުންގެ ބޮލުގައި އެޅިފައިވާ މި ދަރަނިން މިންޖުވުން ކަމަށާއި، އެކަން ކާމިޔާބުކުރީ ގައުމުގެ މާލިއްޔަތުގައި ހުރި ހަކަތައިގެ ބޭނުން ހިފައިގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ފައިސާ ދައްކައި ނިންމުމާ އެކު، އޭގެ ބަދަލުގައި ރަހުނުކޮށްފައިވާ ދައުލަތުގެ އެތައް ހަރުމުދާތަކެއް މިހާރު ވަނީ މިނިވަންވެފައެވެ. އޭގެ ތެރޭގައި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލާއި، މާލެ ސަރަހައްދުގައި ހިންގަމުން އަންނަ 11 ސްކޫލެއްގެ އިތުރުން ސަރުކާރުގެ މުހިންމު ބައެއް އިމާރާތްތައް ހިމެނެއެވެ. ރައީސް ވިދާޅުވީ މިއީ ދަރަނި ނުދެއްކިއްޖެ ހާލަތެއްގައި ބޭރުގެ ފަރާތްތަކަށް ނެގޭ ގޮތަށް ކުރީ ސަރުކާރުތަކުން ޝަރުތުކޮށްފައިވާ ތަންތަން ކަމަށެވެ.
މި ސުކޫކު އަދާކުރުމާ ގުޅިގެން މާލީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި ފިޔަވަޅުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް ހެޔޮ ބަދަލުތަކެއް އައިސް، ރާއްޖޭގެ މާލީ ހާލަތު ވަނީ އިތުރަށް ހަރުދަނާވެފައެވެ.