ޚަބަރު

ސަރުކާރުގެ ވަޒީފާތަކަށް ދެން މީހުން ނަގާނީ ހަމައެކަނި ފެންވަރާއި ތަޖުރިބާއަށް ބަލައިގެން: ރައީސް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު / ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ޚަރަދުތައް ކުޑަކޮށް، ރައްޔިތުން އެދޭފަދަ ކުޑަ ސަރުކާރެއް އެކުލަވައިލުމުގެ މަޤުޞަދުގައި، ކުރިއަށް އޮތް ތަނުގައި ދައުލަތުގެ ވަޒީފާތަކަށް މީހުން އައްޔަންކުރާނީ ސިޔާސީ ގުޅުމަކަށް ނުބަލައި، ހަމައެކަނި ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބިނާކޮށްގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވައިފިއެވެ.

Ads by Allied

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ސިޔާސީ މަސައްކަތްތަކާއި ކެމްޕޭނުތަކުގައި އުޅޭ ފަރާތްތަކަށް ވަޒީފާ ބެހުމުގެ ސަގާފަތް މިހާރު ނިމުމަކަށް ގެންނަންޖެހޭ ކަމަށެވެ. އަދި މީގެ ފަހުން ވުޒާރާތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ވެސް މުވައްޒަފުން ނަގަންވާނީ ފާޅުކަންބޮޑު ގޮތެއްގައި އިއުލާންކޮށް، ކުރިމަތިލާ ފަރާތްތަކުގެ ތައުލީމީ ސެޓްފިކެޓްތަކާއި، ވަޒީފާގެ ތަޖުރިބާ ވަޒަންކުރުމަށްފަހު، އެންމެ ގާބިލު މީހުންނަށް ކަމުގައި ރައީސް ވަނީ އަންގަވާފައެވެ.

މީގެ އިތުރުން، ސިޔާސީ މަޤާމުތަކުގެ އަދަދު މަދުކުރަމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ކޮންމެހެން މީހަކު އައްޔަންކުރަން ޖެހިއްޖެ ޙާލަތެއްގައި ވެސް ދެން ބައްލަވާނީ ތަޢުލީމީ މިންގަނޑަށް ކަމަށެވެ. މިގޮތުން ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރާނަމަ މާސްޓަރސް ޑިގްރީ އަދި ޑެޕިއުޓީ މިނިސްޓަރަކަށްނަމަ ފުރަތަމަ ޑިގްރީއެއް އޮތުން ލާޒިމުކުރާ އުސޫލެއް ގެންގުޅުއްވަން ގަސްތުކުރައްވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ސަރުކާރުގެ ހިންގުން ހަރުދަނާކޮށް ފުދުންތެރި ނިޒާމެއް ގާއިމުކުރުމަށްޓަކައި، ރައީސް މުޢިއްޒު ދަނީ މުހިންމު ނިންމެވުންތަކެއް ނިންމަވަމުންނެވެ. އޭގެ ތެރޭގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 20 އިން 15 އަށް މަދުކުރެއްވުން ފަދަ، ދައުލަތުގެ މާލީ ބުރަ ލުއިކުރުމުގެ ގިނަ ފިޔަވަޅުތަކެއް ހިމެނެއެވެ.

Ads by Allied Insurance