ޚަބަރު

ވަގަށް ނަގާފައިވާ ކަމަށް ޝައްކު ކުރެވޭ ސައިކަލެއްގެ ވެރިފަރާތް ހޯދަނީ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ދިވެހި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި ހުރި، ވަގަށް ނަގާފައިވާ ކަމަށް ޝައްކު ކުރެވޭ ސައިކަލެއްގެ ވެރިފަރާތް ހޯދަން ފަށައިފިއެވެ.

Ads by Allied

ފުލުހުންގެ ޚިދުމަތުން ބުނީ، އާންމުކޮށްފައިވާ ފޮޓޯގައިވާ ސައިކަލަކީ 2025 ޖުލައި 13ވަނަ ދުވަހު މާލޭގެ ކޯރުކެނޑިމަގާއި ބުރުޒުމަގު ގުޅުނު ކަންމަތިން ފުލުހުން ހުއްޓުވި ސައިކަލެއް ކަމަށެވެ. އަދި އެ ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ، އިންޖީނު ނަންބަރު ނުފެންނާނެހެން ކަހާލާފައިހުރުމުގެ ސަބަބުން ކަމަށެވެ.

މި މައްސަލައާ ގުޅިގެން އިތުރަށް ބެލި ބެލުމުން، އެ ސައިކަލުގައި ބޭނުންކޮށްފައިވާ ރަޖިސްޓްރީ ނަންބަރަކީ އެ އުޅަނދުގެ އަސްލު ނަންބަރު ނޫންކަން ވަނީ ކަށަވަރު ކުރެވިފައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ. މީގެ އިތުރުން، ސައިކަލުގެ ޗެސިސް ނަންބަރު ޗެކްކުރިއިރު، އެ ނަންބަރަކީ ވެސް ރަޖިސްޓްރީކޮށްފައިވާ އެއްވެސް އުޅަނދެއްގެ ނަންބަރަކާ ދިމާވާ ނަންބަރެއް ނޫންކަން ވަނީ ފާހަގަކުރެވިފައި ކަމަށާއި މިހާތަނަށް ކުރެވުނު މަސައްކަތުން މި ސައިކަލުގެ ވެރިފަރާތް ދެނެގަނެވިފައެއް ނުވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ވީމާ، ފޮޓޯއިން ފެންނަ ސައިކަލުގެ ވެރިފަރާތުން ނުވަތަ މި ސައިކަލާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގިލައްވާ ފަރާތެއް ވާނަމަ، ފުލުހުންގެ ޓްރެފިކް އިންވެސްޓިގޭޝަންސްގެ ނަންބަރު 9444880 އަށް ގުޅުއްވައި އެ މައުލޫމާތެއް ހިއްސާކޮށްދިނުމަށް ފުލުހުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، ފުލުހުން ވަނީ އެކަމަށްޓަކައި ޝުކުރު އަދާކޮށްފައެވެ.

Ads by Allied Insurance