ޚަބަރު

"އައިޝާ" ޑޮކިއުމެންޓްރީގެ ތަހުގީގަށް އީޝާ ފުލުހަށް ހާޒިރުވާން އަންގައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް 'އަދަދު' ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީގައި ބައިވެރިވިކަމުގެ ތުހުމަތުގައި، އައިޝަތު އީޝާ އަޝްރަފް މިރޭ 21:00އަށް ހުޅުމާލޭ ފޭސް އެކެއްގެ ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އަންގައިފިއެވެ.

Ads by Allied

ފުލުހުން އީޝާއަށް ފޮނުވި ޗިޓުގައި ބަޔާންކޮށްފައިވާ ގޮތުން، އޭނާ ހާޒިރުކުރަނީ ރައީސަށް ނިސްބަތްކޮށް ގަޒުފުކޮށްފައިވާ ކަމަށް ބެލެވޭ ވީޑިއޯ ރިޕޯޓާ ގުޅިގެން ސުވާލުކޮށް ބަޔާނެއް ނެގުމަށެވެ. ގާތްގަނޑަކަށް ތިން ގަޑިއިރަށް ދެމިގެންދާނެ ކަމަށް ބެލެވޭ މި ތަހުގީގުގައި އީޝާގެ ގާނޫނީ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާނީ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމާއި ވަކީލު މުޙައްމަދު ފަރީދެވެ. ޝަމީމް މީޑިއާތަކަށް ޔަގީންކަން ދެއްވި ގޮތުގައި، ދިފާއީ ވަކީލެއްގެ ހައިސިއްޔަތުން އޭނާގެ އެންމެ އިސް އަމާޒަކީ މުވައްކިލަށް އިންސާފުވެރި ތަހުގީގެއް ލިބޭނެކަން ކަށަވަރުކޮށްދިނުމެވެ.

މި މައްސަލައިގެ ތަހުގީގު ފުލުހުން ވަރަށް ފުޅާދާއިރާއެއްގައި ކުރިއަށްގެންދާއިރު، އީޝާ ރާއްޖެ ދޫކޮށް ގޮސްދާނެކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާކަމަށް ބުނެ، ކްރިމިނަލް ކޯޓުން ވަނީ ތިން މަސް ދުވަހަށް އޭނާގެ ޕާސްޕޯޓު ހިފަހައްޓަން އަމުރުކޮށްފައެވެ.

މީގެ އިތުރުން، މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން 'އަދަދު' ނޫހުގެ މައި އޮފީހަށް ވަދެ ބަލައިފާސްކޮށް، ނޫސްވެރިކަމަށް ބޭނުންކުރާ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް އާލާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ހަމައެހެންމެ، އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދު ފުލުހަށް ހާޒިރުކޮށްފައިވާއިރު، އެ ދެ ބޭފުޅުން ވެސް ވަނީ ތަހުގީގުގައި ހަނުހުރުމުގެ ހައްގު އިހުތިޔާރުކޮށްފައެވެ. ފިލާފާނެކަމުގެ ބިރަށްކަމަށް ބުނެ އެ ދެ ބޭފުޅުންގެ ޕާސްޕޯޓު ވެސް އަންނަ ޖުލައި މަހުގެ 27ގެ ނިޔަލަށް ވަނީ ހިފަހައްޓާފައެވެ.

Ads by Allied Insurance