ޚަބަރު

ރާއްޖޭގެ އިޤްތިޞާދީ ދޮރުތައް ވަނީ ބޭރުގެ އިންވެސްޓަރުންނަށް ހުޅުވިފަ: ރައީސް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު / ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ އިޤްތިޞާދީ ދޮރުތައް ބައިނަލްއަޤްވާމީ ފަރާތްތަކަށް ފުޅާދާއިރާއެއްގައި ހުޅުވާލައްވާފައިވާކަން، ސްރީލަންކާގައި ފެށި މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.

Ads by Allied

މި ފޯރަމް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގެ ވިޔަފާރީގެ މާޙައުލު ބޭރުގެ ފަރާތްތަކަށް ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން އަޅުއްވާފައިވާ މުހިންމު ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ 2040ވަނަ އަހަރު އަންނަންވާއިރަށް ދިވެހިރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުން ކަމަށާއި، މި އަމާޒަށް ވާސިލުވުމަށްޓަކައި އިންސާނީ ވަސީލަތް ތަރައްޤީކުރުމާއި، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފުމުގެ އިތުރުން ތިމާވެށީގެ ނާޒުކުކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން ސިޔާސަތުތަކެއް ތަންފީޒުކުރައްވަމުން ގެންދަވާ ކަމަށެވެ.

މި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި ވޭތުވެދިޔަ 40 އަހަރު އަމަލުކުރަމުން އައި ބޭރުގެ އިންވެސްޓްމަންޓްތަކާބެހޭ ޤާނޫނަށް ބޮޑެތި އިޞްލާޙުތަކެއް ގެނެސްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އައު ޤަވާޢިދުތަކުގެ ސަބަބުން ބޭރުގެ އިންވެސްޓަރުންނަށް ފަސޭހަ، ސާފު މަގުތަކެއް ކޮށިފައިވާކަން ބަޔާންކުރައްވަމުން، އެމަނިކުފާނު ވިދާޅުވީ ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހިމާޔަތްދިނުމާ އެކު، ޤައުމަށް އެންމެ ބޭނުންތެރި ދާއިރާތަކަށް ބޭރުގެ ފަންނީ ތަޖުރިބާއާއި އެހީތެރިކަން ހޯދުމުގެ މަގު މިހާރު ތަނަވަސްވެފައިވާ ކަމަށެވެ.

ސަރުކާރުގެ އަމާޒަކީ ބައިނަލްއަޤްވާމީ މައިދާނުގައި ވާދަކުރެވޭ ފަދަ ހުޅުވިފައިވާ އިޤްތިޞާދެއް ބިނާކުރުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މުއައްސަސާތައް ހަރުދަނާކޮށް ގެނެވުނު ބަދަލުތަކުގެ ހެޔޮ ނަތީޖާ މިހާރުވެސް ފެންނަމުންދާ ކަމަށެވެ. މީގެ އަލިގަދަ އެއް ހެކީގެ ގޮތުގައި، ދުނިޔޭގެ މަޝްހޫރު ގޫގުލް ކުންފުނިން ރާއްޖޭގައި ކުރިއަށްގެންދާ 'ދިވަރަ' ސަބްމެރިން ކޭބަލް މަޝްރޫޢު އެމަނިކުފާނު މިސާލެއްގެ ގޮތުގައި ނެންގެވިއެވެ. މިއީ ބައިނަލްއަޤްވާމީ ބޮޑެތި ކުންފުނިތަކުން ރާއްޖޭގެ އިޤްތިޞާދަށް ކުރާ އިތުބާރު ރަމްޒުކޮށްދޭ ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

Ads by Allied Insurance