ޚަބަރު

ބޭންކު އެކައުންޓުތައް ކުއްޔަށް ދިނުމަކީ ޖިނާއީ ދައުވާ އުފުލިދާނެ ކުށެއްކަމަށް ފުލުހުން އިންޒާރުދީފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)

ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ފައިސާ ހޯދުމުގެ ބޭނުމުގައި އަމިއްލަ ބޭންކު އެކައުންޓުތައް އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމުގެ މައްސަލަތައް އިތުރުވަމުންދާތީ، އެކަމަކީ މަނީ ލޯންޑަރިންގ ފަދަ ބޮޑެތި ޖިނާއީ ކުށްތަކަށް މަގުފަހިވާ އަދި ގާނޫނީ ފިޔަވަޅު އެޅޭނެ އަމަލެއްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އާންމުންނަށް އިންޒާރުކުރައްވައިފިއެވެ.

Ads by Allied

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ހާމަކޮށްފައިވާ ގޮތުގައި، ޓެލެގްރާމާއި ޓިކްޓޮކް ފަދަ ވަސީލަތްތައް މެދުވެރިކޮށް ފަސޭހައިން އާމްދަނީއެއް ހޯދައިދޭނެކަމަށް ބުނެ އެކައުންޓުތައް ކުއްޔަށް ހޯދުމަށް ގިނަ ބަޔަކު ދަނީ އިޝްތިހާރު ކުރަމުންނެވެ. އަދި މިފަދަ ފަރާތްތަކަށް އެކައުންޓުގެ މައުލޫމާތާއި، އޯޓީޕީގެ އިތުރުން ޕިން ކޯޑު ހިއްސާކުރުމަކީ ކުށްވެރިންނަށް މަކަރާއި ހީލަތުން ފައިސާ ފޭރުމަށް ހުޅުވާލެވޭ ދޮރެއްކަމުގައި އެ މުއައްސަސާއިން ފާހަގަކުރެއެވެ.

އެއްވެސް ފަރުދެއްގެ އެކައުންޓެއް ބޭނުންކޮށްގެން ހިންގާ ހުރިހާ މާލީ މުއާމަލާތްތަކެއްގެ ފުރިހަމަ ގާނޫނީ ޒިންމާ އުފުލަންޖެހޭނީ ސީދާ އެ އެކައުންޓެއްގެ ވެރިފަރާތުންނެވެ. އެހެންކަމުން، އެކައުންޓު ކުއްޔަށް ދިނުމުގެ ސަބަބުން އެމީހެއްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމާއެކު، ރާއްޖޭގެ މާލީ އިދާރާތަކުން ފޯރުކޮށްދޭ ބޭންކިންގގެ އެންމެހާ ޚިދުމަތްތަކުން އެމީހަކު އެއްކޮށް މަހުރޫމުވުމުގެ ފުރުސަތު ބޮޑުކަމަށް ފުލުހުން ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށްވެސް ވަނީ މިފަދަ ގޮތްގޮތަށް އެކައުންޓުތައް ދޫކުރާކަން ފާހަގަވެފައެވެ. ފުލުހުން ވަނީ މިފަދަ ޕޯސްޓުތައް އާންމުކޮށް ފެތުރުން ހުއްޓާލުމަށާއި، މިފަދަ އަމަލެއް ހިންގާކަން ފާހަގަވެއްޖެނަމަ މާލީ އިދާރާތަކާ ގުޅިގެން ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރުދީ، އެކަން ލަސްނުކޮށް ރިޕޯޓުކުރުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

Ads by Allied Insurance