ދިވެހިންގެ ހިތްތަކުން އެންމެ މަތިވެރި ޤަދަރެއް ދޭންޖެހޭ ބަޔަކީ ސިފައިން: ރައީސް
ދިވެހިރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ޤައުމީ ދިފާޢީ ބާރުން ވަމުންދާ މަތިވެރި ޤުރުބާނީގެ އަގުވަޒަންކުރުމުގެ ގޮތުން، ކޮންމެ ދިވެއްސެއްގެ ހިތުން ވެސް ސިފައިންނަށް އެންމެ މަތިވެރި ޤަދަރަކާއި ފަޚުރުވެރި މަޤާމެއް ދޭންވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
ދިވެހި ސިފައިންގެ 134ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކަޅުތުއްކަލާކޮށީގައި ރޭ ބޭއްވި ޖަލްސާގައި ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، އަސްކަރިއްޔާގައި މަސައްކަތްކުރާ ފަރާތްތަކުގެ ވެލްފެއަރ ކަންކަން ހަރުދަނާކުރުމަށް ސަރުކާރުން ނިންމަވާފައިވާ މުހިންމު ކަންތައްތަކެއް އިޢުލާނުކުރައްވާފައެވެ. މިގޮތުން، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން ސިފައިންނަށް ޚާއްޞަކުރެވޭ ކޯޓާ އިތުރުކޮށްދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. މީގެ އިތުރުން، އަމިއްލަ ޢާއިލާ ދިރިއުޅޭ ސަރަޙައްދެއްގެ އޭރިއާ ކޮމާންޑެއްގައި ވަޒީފާ އަދާކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވާނެކަން ވެސް ހާމަކުރެއްވިއެވެ.
ސިފައިންގެ ވަޒީފާގެ ކުރިއެރުމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން، އެއް ރޭންކެއްގައި ގިނަ ދުވަސްވުމުގެ ސަބަބުން ވަޒީފާއިން ވަކިވާންޖެހޭ ގޮތަށް އޮންނަ އުސޫލު އުވާލައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަމިއްލަ ނަފުސަށްވުރެ ޤައުމު އިސްކޮށް، ތެދުވެރިކަމާއެކު ޚިދުމަތްކުރާ ކޮންމެ ސިފައިންގެ މީހަކަށް ވެސް އެ މީހެއްގެ ވަޒީފާގައި ދެމިހުރެވޭނެ މަގު ތަނަވަސްކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. މި ޚާއްޞަ ރަސްމިއްޔާތުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ޖަލްސާގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ވަނީ ސިފައިންގެ ތެރެއިން ފާހަގަކޮށްލެވޭ ފަރާތްތަކަށް އެކި އެވޯޑުތަކާއި މެޑަލްތައް ޙަވާލުކޮށްދެއްވާފައެވެ. އޭގެ ތެރޭގައި މަތިވެރި ޚިދުމަތުގެ މެޑަލް، ރައީސުލްޖުމްހޫރިއްޔާގެ މެޑަލް، އަދި އެންމެ ދުޅަހެޔޮ ސިފައިންގެ މީހާއާއި ޔުނިޓަށް ދެވޭ ފިލާ ހިމެނެއެވެ. ހަމައެއާއެކު، ބ. ކިހާދޫގައި ޤާއިމުކުރެވުނު "ސްކޫލް އޮފް އިންޖިނޭރިންގް އެންޑް ލޮޖިސްޓިކްސް" ރަސްމީކޮށް ހުޅުއްވައިދެއްވީ ވެސް ރައީސް ޑރ. މުޢިއްޒެވެ. މިއީ ސިފައިންގެ ފަންނީ އަދި ޢިލްމީ ޤާބިލުކަން އިތުރުކުރުމަށް އަމާޒުކޮށްގެން ހުޅުވި މަރުކަޒެކެވެ.