އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް ފިރިހެނުންނަށްވުރެ ބޮޑު ސަމާލުކަމެއް ދެނީ އަންހެނުން: ދިރާސާ
ކޮވިޑް-19ގެ ބަލިމަޑުކަމަކީ މުޅި ދުނިޔެ ސިއްސުވާލި ބަލިމަޑުކަމެކެެވެ. އެތައް ބަޔަކު ބިރުން ފިއްކެނޑުނު ބަލިމަޑުކަމެކެވެ. މި ބަލިމަޑުކަމާއެކު ވަަރަށް ގިނަ ކަންތައްތަކެއް މިވަނީ ބަދަލު ވެފައެވެ. މަގުމައްޗަށް ނުކުމެ އުޅުމުގައިވެސް އަމަލު ކުރަން ގަވައިދުތައް މިވަނީ އިންތިހާއަށް ގިނަވެފައެވެ. އެގޮތުން އެންމެ މުހިއްމު އެއް ގަވައިދަކީ އިޖުތިމާއީ ގައިދުރުކަން ބެހެއްޓުން ކަން ގައިމެވެ. އަބަދާއި އަބަދު ސިއްހީ މާހިރުން ބުނަމުން ދަނީ އެކަކު އަނެކަކު ކޮންމެ ތާކު ތިބި ނަމަވެސް 3 ފޫޓުގެ ދުރުމިނެއް ބެހެއްޓުުމަށެވެ.
އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމުގެ މި ގަވައިދުތަކާއި އުސޫލުތަކަށް ފިރިހެނުންނަށްވުރެ ބޮޑަށް އަންހެނުން އިސްކަންދޭ ކަމަށް ދިރާސާ އަކުން މިވަނީ ސާބިތުވެފައެވެ. އެމެރިކާގެ 100 މީހަކު ހިމެނޭ ގޮތަށް މި ދިރާސާ ކޮށްފައިވަނީ ނިއުޔޯކް ޔުނިވާސިޓީ އިންނާއީ ޔޭލް ޔުނިވާސިޓީ އިންނެވެ. މިދިރާސާގައި މީހުން އިޖުތިމާއީ ގައިދުރުކަން ބަހައްޓާ ގޮތާއި އަތްދޮވުމާއި މާސްކު އެޅުން ފަދަ ކަންތައްތައް ބަލާ ދިރާސާ ކޮށްފައިވެއެވެ.
މި ދިރާސާއިން ހާމަވާ ގޮތުގައި މި ކަންކަމަށް ފިރިހެނުން ދޭ އިސްކަމަށްވުރެ ބޮޑަށް އަންހެނުން މިކަމަށް ދޭ ސަމާލުކަން މާ ބޮޑެވެ. އެގޮތުން 57.7 އިންސައްތަ އަންހެނުން ރަނގަޅަށް މާސްކު އަޅާއިރު ގަވައިދަށް ފެތޭ ގޮތަށް މާސްކު އަޅަނީ 42.3 އިންސައްތަ ފިރިހެނުންނެވެ. އަދި މި ދިރާސާއިން ދައްކާ ގޮތުގައި ގިނަ އިންސައްތަ ފިރިހެނުން އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް ސަމާލުކަމެއް ނުދެއެވެ.
އެހެންކަމުން ކޮވިޑް-19ގެ މި ހާލަތުގައި ފިރިހެނުންނަށްވުރެ ބޮޑަށް އަންހެނުން ސިއްހަތަށް މާ ބޮޑު ސަމާލުކަމެއް ދޭ ކަން މި ދިރާސާއިން މިވަނީ ސާބިތުވެފައެވެ.