ޕީއެންސީގެ ޕީޖީގެ ރަސްމީ ވަޓްސްއެޕް ގުރޫޕުން ނާޒިމް ބޭރުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙުމަދު ނާޒިމްއާ މެދު އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަން ބޮޑުވެ، ސަރުކާރު ހިންގާ މައި ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ރަސްމީ ވަޓްސްއެޕް ގްރޫޕުން އޭނާ ބޭރުކޮށްފިއެވެ.
މި ފިޔަވަޅު އަޅާފައިމި ވަނީ، ޕާޓީގެ އެތެރޭގައި އުފެދިފައިވާ ބޮޑެތި ހިޔާލުތަފާތުވުންތަކުގެ އަސަރު މަޖިލީހުގެ ޖަލްސާތަކަށް ވެސް ފޯރާފައިވާ ދަނޑިވަޅެއްގައެވެ. މި މައްސަލަތަކާ ގުޅިގެން، މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން ނާޒިމް ދުރުކުރުމަށް ޕާޓީގެ އެތެރޭގައި މަސައްކަތްތަކެއް ކުރަމުންދާކަމުގެ އަޑުތައް ވެސް ވަނީ ގަދަވެފައެވެ.
މީގެ އިތުރުން، ޕީއެންސީގެ އެތެރޭގެ އިންތިޒާމުތައް ހަރުދަނާކުރުމުގެ ގޮތުން، ޕާޓީގެ ވިޕްލައިނާ ޚިލާފުވާ މެންބަރުންނަށް ހަރުކަށި ފިޔަވަޅު އެޅުމަށް ވެސް ޕީޖީ ގްރޫޕުން ދަނީ ތައްޔާރުވަމުންނެވެ.