މަޖިލީހުގެ ކޯރަމް ގެއްލި، މަޖިލީހުގެ ޖަލްސާއާއި މުހިންމު ކޮމިޓީތައް ކެންސަލްކޮށްފި
ވެރިކަންކުރާ ޕީއެންސީގެ މެންބަރުން މަޖިލީހަށް ހާޒިރުނުވުމުގެ ސަބަބުން ކޯރަމް ގެއްލި، މިއަދަށް ތާވަލުކުރި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއާއި އެންމެ ބޮޑެތި މަސައްކަތްތަކެއް ކުރާ ދެ ކޮމިޓީގެ ބައްދަލުވުން ކެންސަލްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މައުލޫމާތު ދިން ގޮތުގައި މިއަދު ހެނދުނު ބާއްވަން އޮތް ޖަލްސާއަށް ވަޑައިގަތީ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމާއި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ހަ މެންބަރުން އެކަންޏެވެ. ޖަލްސާ ފެށުމަށް 23 މެންބަރުން ބޭނުންވާއިރު، އެ އަދަދު ހަމަނުވުމާ ގުޅިގެން 10 ޖަހަންދެން މަޑުކުރުމަށް ފަހު ޖަލްސާ ވަނީ މާދަމާއަށް ފަސްކޮށްފައެވެ. މީގެ އިތުރުން، 10:30 ގައި ފަށަން ތާވަލުކުރި ސަލާމަތީ ޚިދުމަތްތަކާބެހޭ (241) ކޮމިޓީއާއި، 11:15 ގައި ބާއްވަން އޮތް މާލިއްޔަތު ކޮމިޓީ ވެސް ވަނީ މެންބަރުން ހަމަނުވުމުގެ ސަބަބުން ކެންސަލްކޮށްފައެވެ.
މި ހިނގާ ދައުރުގައި އިއްޔެގެ ނިޔަލަށް ބާއްވާފައި ވަނީ އެންމެ 18 ޖަލްސާއެވެ. މަޖިލީހުގެ ޤަވާއިދު ބުނާގޮތުން މާދަމާ ބާއްވާ ޖަލްސާއަށް ފަހު، މި ދައުރު ނިމި މެންބަރުން ޗުއްޓީއަށް ވަޑައިގަންނަވާނެއެވެ.