ދުނިޔެ

ސްޓްރެޓީޖިކް ޕާޓްނަރޝިޕެއްގައި ސޮއިކުރެއްވުމަށް އިންޑިއާގެ ބޮޑުވަޒީރު ނެދަލޭންޑްސްއަށް ވަޑައިގަންނަވަނީ

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، މެއި 16 ވާ ހޮނިހިރު ދުވަހާއި މެއި 17 ވާ އާދީއްތަ ދުވަހު ނެދަލޭންޑްސްއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ. މި ދަތުރުފުޅުގައި މޯދީއަށް މަރުޙަބާ ދަންނަވާނީ ނެދަލޭންޑްސްގެ ރަސްގެފާނު ވިލެމް-އެލެގްޒެންޑަރ އަދި ބޮޑުވަޒީރު ޖެޓެން އެވެ. ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމާއި، ސްޓްރެޓީޖިކް ޕާޓްނަރޝިޕް އެއްބަސްވުމެއްގައި ރަސްމީކޮށް ސޮއިކުރެއްވުމެވެ.

Ads by Allied

މެއި 16 ވާ ހޮނިހިރު ދުވަހު މި ދަތުރުފުޅު ފެށިގެންދާނީ، ޕަލެއިސް ހޮއިސް ޓެން ބޮޝް ގަނޑުވަރުން ރަސްގެފާނާއި ރާނީ މެކްސިމާ، މޯދީއަށް މަރުޙަބާ ދެންނެވުމުންނެވެ. އެއަށްފަހު، މޯދީ އާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގަންނަވާ ވަފުދުގެ ބައެއް ބޭފުޅުންނަށް ގަނޑުވަރުގައި ޚާއްޞަ ފަރިއްކޮޅެއް އެރުވޭނެއެވެ. މި ފަރިއްކޮޅުގައި ނެދަލޭންޑްސްގެ ޚާރިޖީ ވަޒީރު ބެރެންޑްސެންގެ އިތުރުން، އެ ޤައުމުގެ ކުންފުނިތަކުގެ އިސްވެރިންނާއި، ފަންނުވެރިކަމާއި، ސަގާފަތާއި އަދި ސައިންސްގެ ދާއިރާތަކުގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

ނެދަލޭންޑްސްގެ ބޮޑުވަޒީރު ޖެޓެން، ކެޓްސްހޮއިސްގައި ވަކިން މޯދީއާ ބައްދަލުކުރައްވާނެއެވެ. އަދި ފޮރިން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން މިނިސްޓަރ ޝޯރޑްސްމާ އިންތިޒާމުކުރައްވައިގެން، ކުންފުނިތަކުގެ ސީއީއޯއިންނާއެކު ބާއްވާ ވަށްމޭޒު ބައްދަލުވުމެއްގައި ދެ ޤައުމުގެ ބޮޑުވަޒީރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

ހޮނިހިރު ދުވަހުގެ ފަހުގެ ވަގުތެއްގައި، ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެވޭނެއެވެ. އޭގެފަހުން، ނެދަލޭންޑްސް އާއި އިންޑިއާއާ ދެމެދު އިޤްތިޞާދީ ގޮތުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް، ނެދަލޭންޑްސްގެ ވިޔަފާރިވެރިންނާއެކު އިތުރު ވަށްމޭޒު ބައްދަލުވުމެއްގައި ދެ ބޮޑުވަޒީރުން ބައިވެރިވެވަޑައިގަންނަވާނެއެވެ. ވަޒީރު ޝޯރޑްސްމާ ފައްޓަވައިދެއްވާ މި ބައްދަލުވުން ނިންމަވާލައްވާނީ ދެ ބޮޑުވަޒީރުން ދެއްވާ ކުރު ތަޤްރީރުތަކަކުންނެވެ. އާދީއްތަ ދުވަހު މޯދީ އާއި ޖެޓެންގެ މި ބައްދަލުވުންތައް ނިންމަވާލައްވާނީ ފެން މެނޭޖްކުރުމުގެ ދާއިރާއަށް ޚާއްޞަކޮށްގެން ކުރައްވާ މަސައްކަތު ދަތުރުފުޅަކުންނެވެ.

Ads by Allied Insurance