ދުނިޔެ

އިންޑިއާގެ އިސްތިރާޖީ މާސްޓަރސްޓްރޯކް: މަލަކާ ކަނޑުއޮޅީގެ މައްޗަށް ބާރުފޯރުވުން

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

ޗައިނާގެ އިސްތިރާޖީ ތަޖުރިބާކާރުން އެގައުމުގެ ކަނޑުގެ ސަލާމަތާ ގުޅޭގޮތުން އެންމެ ބޮޑަށް ކަންބޮޑުވާ އެއް މައްސަލައަކީ މަލަކާ (马六甲) ކަނޑުއޮޅިއެވެ. ޗައިނާގެ އިގުތިސާދު ހުއްޓުވުމަށް ވާދަވެރިން މި ކަނޑުއޮޅި ބޭނުންކޮށްފާނެކަމުގެ ބިރު އެބައޮތެވެ. މިއީ "މަލަކާ ޑިލެމާ" (马六甲困境) ގެ ނަމުން ޗައިނާއިން ސިފަކުރާ ކަމެކެވެ. މިކަމުން ސަލާމަތްވުމަށް ގުވާދަރާއި، ހަމްބަންޓޯޓާ އަދި ކިޔައުކްޕިޔޫ ފަދަ އިންޑިއާ ކަނޑުގެ ބަނދަރުތަކަށް ޗައިނާއިން ވަނީ އެތައް ބިލިއަން ޑޮލަރެއް އިންވެސްޓްކޮށްފައެވެ.

Ads by Allied

ނަމަވެސް، ޗައިނާއިން އުންމީދުނުކުރާ ފަދަ އައު އިސްތިރާޖީ ފިޔަވަޅެއް އިންޑިއާއިން މިވަނީ އަޅާފައެވެ. އެއީ ގްރޭޓް ނިކޯބާ އައިލެންޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެވެ. މިއީ އިންޑޯ-ޕެސިފިކް ސަރަޙައްދުގައި އިންޑިއާއަށް ލިބިފައިވާ ގުދުރަތީ ފައިދާގެ ބޭނުންކޮށް، އެތައް އަހަރެއް ވަންދެން ވާދަވެރިން ކުރިއަރައިދިޔަ މަންޒަރު ބަލަން އޮތުމަށްފަހު އިންޑިއާއިން ދިން ވަރުގަދަ ރައްދެކެވެ.

އަސްކަރީ ތަޖުރިބާކާރުން ސިފަކުރާ ގޮތުގައި 700 ކިލޯމީޓަރަށްވުރެ ދިގު އަންޑަމާން އަދި ނިކޯބާ ޖަޒީރާތަކަކީ މަލަކާ ކަނޑުއޮޅީގެ އަނގަމަތީގައި އޮތް "ގުދުރަތީ އެއަރކްރާފްޓް ކެރިއަރެކެވެ." މީގެ އެންމެ ދެކުނަށް އޮންނަ ގްރޭޓް ނިކޯބާ އަކީ ސިންގަޕޫރާއި، ޕޯޓް ކްލާންގް އަދި ކޮލަމްބޯއާ ގާތްގަނޑަކަށް އެއް ހަމައެއްގައި އޮންނަ ރަށެކެވެ. މަލަކާ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތައް ހުރަސްކުރާ ސިކްސް ޑިގްރީ ޗެނަލް އޮންނަނީ ހަމަ މި ރަށުގެ ކައިރީގައެވެ. ދުނިޔޭގެ އެންމެ މުހިންމު އެއް ކަނޑުމަގު މޮނިޓަރކުރުމަށް މިއަށްވުރެ ވަކި ރަނގަޅު ތަނެއް އިންޑިއާ ކަނޑުގައި ނެތެވެ. މި ރަށް އޮތީ އިންޑިއާއަށް މިނިވަންކަން ލިބުނީއްސުރެ އެގައުމުގެ ބާރުގެ ދަށުގައެވެ. އެހެންނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން މިރަށް ބޭނުންކުރަމުން އައީ ހަމައެކަނި އާދައިގެ އައުޓްޕޯސްޓެއްގެ ގޮތުގައެވެ.

އިންޑިއާގައި ފުން ބަނދަރެއް ނެތުމުގެ ސަބަބުން، ސިންގަޕޫރާއި ކޮލަމްބޯ އަދި ކްލާންގް ފަދަ ބޭރުގެ ބަނދަރުތަކަށް ބަރޯސާވާންޖެހި، ކޮންމެ އަހަރަކު 200 އާއި 220 މިލިއަން ޑޮލަރާ ދެމެދުގެ ގެއްލުމެއް އިންޑިއާއަށް ކުރިމަތިވެއެވެ. ނަމަވެސް 20 މީޓަރަށްވުރެ ފުން ގުދުރަތީ ބަނދަރެއް އޮތް ގްރޭޓް ނިކޯބާގައި ތަރައްގީކުރާ ޓްރާންސްޝިޕްމަންޓް ޓަރމިނަލާއެކު މި މައްސަލައަށް ހައްލު ލިބޭނެއެވެ. 2024 ވަނަ އަހަރުގެ ފަހުކޮޅު ހުޅުވި މި ބަނދަރުގެ ފުރަތަމަ ފިޔަވަހީގެ އޮޕަރޭޝަންތަކަށް އަހަރެއް ނުވަނީސް ވަނީ އެއް މިލިއަން ޓީއީޔޫގެ ލަނޑުދަނޑި ހާސިލުކޮށްފައެވެ.

ޗައިނާއަށް މިއީ ބޮޑު ކަންބޮޑުވުމެކެވެ. ފާއިތުވި 30 އަހަރު ދުވަހުގެ ތެރޭގައި ޗައިނާއިން ވަނީ މަލަކާ ކަނޑުއޮޅިއަށް ބަރޯސާވުން ކުޑަކުރުމަށްޓަކައި ހުޅަނގުގެ މާހިރުން ސިފަކުރާ "ސްޓްރިންގް އޮފް ޕާލްސް" ނުވަތަ ބަނދަރުތަކުގެ ވިއުގައެއް ގާއިމުކޮށްފައެވެ. ޕާކިސްތާނުގެ ގުވާދަރާއި، މިޔަންމާގެ ކިޔައުކްޕިޔޫ އަދި ސްރީލަންކާގެ ހަމްބަންޓޯޓާއަކީ މީގެ މިސާލުތަކެވެ. ގުދުރަތީ ގޮތުން މުހިންމު ތަންތަނުގައި ބާރުގަދަކުރުމަށް ޗައިނާއިން ބޮޑެތި ޚަރަދުތައްކޮށްގެން އާޓިފިޝަލް ރަށްތައް ހަދަން ޖެހުނު ނަމަވެސް، އިންޑިއާއަށް މިވަނީ ގުދުރަތީ ގޮތުން އެ ނަސީބު ލިބިފައެވެ. ގްރޭޓް ނިކޯބާގައި އަންޑަމާން އެންޑް ނިކޯބާ ކޮމާންޑްގެ ޕްރިސިޝަން އެޕްރޯޗް ރޭޑަރާއި، ކަނޑުއަޑީގެ ސަވައިލަންސް ނިޒާމުތައް އަދި ނޭވަލް ކޮމިއުނިކޭޝަންސް ގާއިމުކުރުމުން، ސިކްސް ޑިގްރީ ޗެނަލް ހުރަސްކުރާ ޗައިނާގެ ކޮންމެ އުޅަނދެއް އިންޑިއާގެ މޮނިޓަރިންގ ނެޓްވޯކްގެ ރާޑަރަށް އަރާނެއެވެ. މިއީ ސިޔާސީ ނުތަނަވަސްކަމެއް އުފެދިއްޖެނަމަ އިންޑިއާއަށް ލިބޭނެ ވަރަށް ބޮޑު ބާރެކެވެ.

އަނެއްކޮޅުން، އަންޑަމާންއާ އެންމެ 55 ކިލޯމީޓަރު ދުރުގައި އޮންނަ މިޔަންމާގެ ގްރޭޓް ކޯކޯ އައިލެންޑްގެ އުމްރާނީ ތަރައްގީއަށް ދާދި ފަހުން ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އިންޑިއާއިން މިތަން އިންސްޕެކްޓްކުރަން އެދުމުން މިޔަންމާއިން ދިނީ ހަމައެކަނި ޔަގީންކަމެކެވެ. މިއީ އިންޑިއާގެ އިރުމަތީ ސަރަހައްދުގައި ޗައިނާގެ ފާރަވެރިވުމުގެ ނިޒާމުތައް ހަރުކުރުމަށް ކުރާ މަސައްކަތެއްކަމަށް ބެލެވޭއިރު، ގްރޭޓް ނިކޯބާ މަޝްރޫއަކީ އިންޑިއާއިން މިއަށް ދޭ އަމަލީ ރައްދެވެ.

މި މަޝްރޫއާ ދެކޮޅަށް ތިމާވެށީގެ ކަންބޮޑުވުންތައް ފާޅުކުރުމަކީވެސް ހައްގުކަމެކެވެ. ގްރޭޓް ނިކޯބާގެ ޖަންގަލިތަކާއި، ލެދަރބެކް ވެލާ ބިސްއަޅާ ސަރަޙައްދުތަކާއި، އެރަށަށް ޚާއްސަ 1،700 އަށްވުރެ ގިނަ ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރަން ޖެހެއެވެ. 130 އަކަ ކިލޯމީޓަރުގެ ޖަންގަލި ބޭނުންކުރުމާއި، ގަލަތިއާ ބޭ ގެ އީކޯސިސްޓަމަށް އަތުވެދާނެ ބަދަލުތަކާއި، އެތަނުގެ އަސްލު ވަޒަންވެރިން ކަމަށްވާ ޝޮމްޕެން ދަރިކޮޅުގެ ހައްގުތައް ރައްކާތެރިކުރުމަކީ މުހިންމު ކަމެކެވެ. ނޭޝަނަލް ގްރީން ޓްރައިބިއުނަލް އިން ކަނޑައަޅާފައިވާ 42 ޝަރުތަކީ މިކަމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އެހެންނަމަވެސް، އިންޑިއާގެ ސަލާމަތީ ތަޖުރިބާކާރުން ގަބޫލުކުރައްވާ ގޮތުގައި ތިމާވެށީގެ މައްސަލަތައް ބައެއް ފަރާތްތަކުން ހަތިޔާރަކަށް ހަދަނީ ސީދާ ޖިއޯޕޮލިޓިކަލް މަގްސަދުތަކެއް ހާސިލުކުރުމަށެވެ.

މި މަޝްރޫއުގެ އަސްލު މުހިންމުކަން ގުޅިފައިވަނީ ހަމައެކަނި އަސްކަރީ ނުވަތަ ސަލާމަތީ ކަންކަމަކާ ނޫނެވެ. އިންޑިއާއިން މިނިވަންކަން ހޯދި ފަހުން އެގައުމުން ގެންގުޅެމުން އައީ ސަރަޙައްދީ ބާރުވެރިކަމުގެ ރޭހުގައި އަމަލީ ގޮތުން ބައިވެރިނުވެ ދުރުގައި އޮތުމުގެ ސިޔާސަތެކެވެ. ނަމަވެސް ޗައިނާގެ ވަން ބެލްޓް ވަން ރޯޑް (一带一路) އިސްތިރާޖީއާއެކު މިކަން ބަދަލުކުރަން އިންޑިއާއަށް މަޖުބޫރުވީއެވެ. ގްރޭޓް ނިކޯބާ ތަރައްގީވެގެން ދާނީ އިންޑިއާއިން ކަނޑައަޅާ އުސޫލުތަކެއްގެ މަތިންނެވެ. ސިކްސް ޑިގްރީ ޗެނަލްއަށް އިންޑިއާގެ ފާރަވެރިވުމުގެ ނިޒާމުތައް ފޯރުމާއެކު، ޗައިނާގެ އިސްތިރާޖީ މާހިރުން އެންމެ ޖެހިލުންވާ މަންޒަރު ފެނިގެންދާނެއެވެ. ޒަމާންތަކެއް ވަންދެން އަޅާނުލެވި އޮތް މި ރަށް، އެންމެ ފަހުން އޭގެ ގުދުރަތީ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭ ތަނަކަށް މިވަނީ ބަދަލުވެފައެވެ.

މި މަޝްރޫއަކީ އިންޑިއާގެ އިސްތިރާޖީ ސިޔާސަތަށް އައި ބޮޑު ބަދަލެކެވެ. މަލަކާ ކަނޑުއޮޅީގައި މަތީ ފެންވަރުގެ ބަނދަރެއް ހެދުމާއެކު، އިންޑިއާގެ އިގުތިސާދީ ނާޒުކުކަމަށް ހައްލު ލިބި، މުހިންމު ކަނޑުގެ މަގަކަށް ބާރުފޯރާނެއެވެ. މިއީ ސައުތު ޗައިނާ ސީ ނުވަތަ ބާބް އަލް މަންދަބް ފަދަ ތަނެއްގައި ކުރިމަތިވެދާނެ ކަނޑުއޮޅީގެ ކާރިސާއަކަށް އިންޑިއާ ދުރާލާ ތައްޔާރުވުމެކެވެ. ގްރޭޓް ނިކޯބާއިން އަންގައިދެނީ އިންޑިއާއިން ދެން ހަމައެކަނި މަންޒަރު ބަލަން ނޯންނާނެ ކަމާއި، އިންޑޯ-ޕެސިފިކްގެ މުސްތަގުބަލު ބައްޓަންކުރުމަށް އެގައުމު އޮތީ ތައްޔާރަށް ކަމެވެ.

(މި ލިޔުމަކީ އޯޕީ ޖިންދަލް ގްލޯބަލް ޔުނިވަރސިޓީގެ ޕްރޮފެސަރ އޮފް ޗައިނާ ސްޓަޑީޒް އަދި ސެންޓަރ ފޯރ ނޯތުއީސްޓް އޭޝިއަން ސްޓަޑީޒްގެ ފައުންޑިންގ ޑިރެކްޓަރ ސްރީޕަރްނާ ޕަތަކް އަދި ބެންގަލޫރުގެ ޗާނަކްޔާ ޔުނިވަރސިޓީގެ ސުބާސް ޗަންދްރަ ބޯސް ޗެއަރ އޮފް އިންޓަރނޭޝަނަލް ރިލޭޝަންސްގެ އެސިސްޓެންޓް ޕްރޮފެސަރ އަދި ސައިނޮލޮޖިސްޓް ނިޝިތު ކުމާރު ލިޔުއްވާފައިވާ ލިޔުމެކެވެ.)

Ads by Allied Insurance