3 ރައީސުންނާ ގުޅޭގޮތުން ދައްކާނެ ގިނަ ވާހަކަތަކެއް އެބަހުރި ކަމަށް އަދީބު ވިދާޅުވެއްޖެ
ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރެއްވުމަށް ރާއްޖޭގެ ކުރީގެ ތިން ރައީސަކު ބައްދަލުކުރެއްވުމާ ގުޅިގެން، އެ ބޭފުޅުންނާ ގުޅޭގޮތުން ދައްކަވާނެ ވަރަށް ގިނަ ވާހަކަތަކެއް އެބަހުރި ކަމަށް ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ވިދާޅުވެއްޖެއެވެ. އަދީބު މިކަން ހާމަކުރައްވާފައިވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި އޭނާ ކުރެއްވި ޕޯސްޓެއްގައެވެ.
އެކްސްގައި ގައި އަދީބު ކުރެއްވި ޕޯސްޓުގައި، ކުރީގެ ރައީސުން ކަމަށްވާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިތުރުން މުޙައްމަދު ނަޝީދު އެކުގައި މިއަދު ބޭއްވި ބައްދަލުވުމުގެ ފޮޓޯއެއް ހިއްސާ ކުރައްވާފައެވެ،
އަދި މި ތިން ރައީސުންގެ ބައްދަލުވުމަށްފަހު، އެ ބޭފުޅުންނާ ބެހޭގޮތުން ދައްކާލަން "ލައްކަ ގިނަ ވާހަކަ އެބަހުރި" ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. ނަމަވެސް، މިއީ ސީދާ ކޮން ބާވަތެއްގެ ވާހަކަތަކެއް ކަމެއް އަދި މިހާތަނަށް އެއްވެސް އިތުރު ތަފްޞީލެއް އަދީބު ހާމަކުރައްވާފައެއް ނުވެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ރައީސް ޞާލިޙާއި، ރައީސް ޔާމީން އަދި ރައީސް ނަޝީދު ބައްދަލުކުރައްވާފައިވަނީ މިހާރުގެ ސަރުކާރާ ދެކޮޅަށް ސިޔާސީ ގޮތުން ގުޅިގެން މަސައްކަތް ކުރެއްވުމަށެވެ. ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ފަހުގެ ތާރީޚެއްގައި އެންމެ ނުފޫޒުގަދަ ތިން ލީޑަރުން އެއްގަލަކަށް އަރައި، ސަރުކާރާ ދެކޮޅަށް މަސައްކަތް ފެށުމަކީ ސިޔާސީ ގޮތުން ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމެއް ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މިފަދަ ނާޒުކު ދަނޑިވަޅެއްގައި އަދީބު މިފަދަ އިންޒާރެއް ދެއްވުމުން، ގިނަ ބައެއްގެ ސަމާލުކަން ވަނީ މިކަމަށް ހުއްޓިފައެވެ. ސަބަބަކީ އަދީބަކީ މީގެ ކުރިން ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙުގައި ވަރަށް އިސް ދައުރެއް އަދާކުރައްވާފައިވާ ބޭފުޅަކަށް ވުމެވެ.
އަދީބަކީ ރައީސް ޔާމީންގެ ވެރިކަމުގައި ނައިބު ރައީސްކަން ކުރެއްވި، އަދި އޭރުގެ ސަރުކާރުގެ އެންމެ ނުފޫޒުގަދަ އެއް ވަޒީރުގެ ގޮތުގައި އުޅުއްވި ބޭފުޅެކެވެ. މީގެ އިތުރުން ރައީސް ނަޝީދާއި ރައީސް ޞާލިޙުގެ ވެރިކަމުގައިވެސް އެކި ގޮތްގޮތުން ސިޔާސީ މަސްރަޙުގައި އަދީބުގެ ނަން ފާހަގަކުރެވިފައިވެއެވެ. އެހެންކަމުން، މި ތިން ރައީސުންނާ ގުޅޭގޮތުން އަދީބު ހާމަކުރައްވަން އުޅުއްވާ ވާހަކަތަކަކީ ކޮބައިކަން އެނގުމަށް އާންމުންނާއި ސިޔާސީ ފަރާތްތަކުން އިންތިޒާރުކުރާނެ ކަމަށް ބެލެވެއެވެ. އޭނާގެ އަތުގައި ދައުލަތުގެ މުހިންމު ސިއްރުތަކާއި، ސިޔާސީ ލީޑަރުންގެ އެތެރޭގެ ކަންކަން އެނގިވަޑައިގަންނަވާނެ ފަދަ މަޢުލޫމާތު ހުރެދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
އެހެން ނަމަވެސް، ފުރަތަމަ ކުރެއްވި ޕޯސްޓަށްފަހު އަދީބު އިތުރު އެއްވެސް ބަޔާނެއް ދެއްވާފައެއް ނުވެއެވެ. އަދި ވަކި ޚާއްޞަ ތުހުމަތުތަކެއްވެސް މިހާތަނަށް ކުރައްވާފައެއް ނުވެއެވެ.