ކޮވިޑް-19 އަށް ފަރުވާއެއް ހޯދިއްޖެ ކަމަށް ޓްރަމްޕް ބުނެފި
ކޮވިޑް-19 އަށް ފަރުވާކުރެވޭ ބޭހެއް ފެނިއްޖެ ކަމުގައި މިދިޔަ ހަފްތާގެ ތެރޭގައި ކޮވިޑް-19 ޖެހި ފަރުވާ ހޯދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
ޓްރަމްޕް މިހެން ބުނެފައި ވަނީ ޓްވިޓާގައި ހިއްސާކުރި ވީޑިއޯ މެސެޖެއްގައި އެމެރިކާގެ ރައްޔިތުންގެ ކޮވިޑް ގެ ވެކްސިން އާ މެދު ހުރި ކަންބޮޑުވުންތަކާ މެދު ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ޓްރަމްޕް ބުނި ގޮތުގައި އެމެރިކާގެ ރިޔާސީ އިންތިހާބު ބާއްވާ ދުވަސް ކަމުގައި ނޮވެންބަރު މަހުގެ 3 ދުވަހުގެ ފަހުން ވެސް ވެކްސިން އެއް ލިބޭނެހެން ހީނުވާ ކަމަށެވެ.
ނަމަވެސް އޭނާ ކޮވިޑަށް ފަރުވާ ހޯދަން ބޭނުންކުރި އެންޓިބޮޑީ ބޭސް ކަމަށް ރީޖެނެރޮން އަކީ ކޮވިޑަށް އޮތް ފަރުވާއެއް ކަމަށް ޓްރަމްޕް ބުނެފައިވެއެވެ. އަދި އެމެޖެންސީ ހާލަތުގައި ބޭނުން ކުރުމަށް މި ބޭހުގެ އެތައް ހާސް ޑޯޒެއް ތައްޔާރުވަމުން އަންނަ ކަމުގައި ވެސް އޭނާ ބުނެފައިވެއެވެ.
މި ވީޑިއޯގައި ޓްރަމްޕް ވަނީ އެމެރިކާގެ ރައްޔިތުންގެ މިހާރު އެންމެ ބޮޑު ކަންބޮޑުވުމަކީ ކޮވިޑް ވެކްސިން ކަން ފާހަގަ ކުރައްވައި، ނޮވެމްބަރު 3 ގެ ކުރިން ވެކްސިން ލިބުމަށް އޭނާ ބޭނުންވާ ކަމަށް ތަކުރާރުކޮށް ބުނެފައެވެ.
ވައިޓް ހައުސް ބޭރުގައި ރެކޯޑުކޮށްފައިވާ މި ވީޑިއޯގައި ޓްރަމްޕް އިތުރަށް ބުނީ ވެކްސިންގެ މަސައްކަތް އެފްޑީއޭ މެދުނުކެނޑި ކުރަމުން އަންނަ ކަމަށެވެ. އަދި މިހާތަނަށް އެއްވެސް ރައީސަކު ބާރު އަޅާފައި ނުވާ ވަރަށް އެފްޑީއޭ އަށް މިކަމަށް ބާރު އަޅައި އެއްބާރުލުން ދެމުންދާ ކަމަށް ޓްރަމްޕް ބުންޏެވެ.