ބޭހުގެ ދަތިކަމަށް ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ދާއިމީ ޙައްލެއް ލިބިގެންދާނެ: ރައީސް
ރާއްޖޭގެ ޞިއްޙީ ނިޒާމުގައި އާންމު ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޭސް ލިބުމުގެ ދަތިތައް ނިމުމަކަށް ގެނައުމަށްޓަކައި ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އެ މައްސަލައަށް އެދެވޭ ފުރިހަމަ ޙައްލެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
"ނޭޝަން ޗެޓް" ޕްރޮގްރާމުގައި އާންމުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އަލަށް އުފެއްދެވި ދައުލަތުގެ ބޭސް ކުންފުނި، 'ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން' މެދުވެރިކޮށް މިހާރު ވެސް ދަނީ ފުޅާ ދާއިރާއެއްގައި ގިނަ މަސައްކަތްތަކެއް ކުރެވެމުންނެވެ. އެގޮތުން، އަންނަ ޖޫން ނުވަތަ ޖުލައި މަހާ ހަމައަށް ދާއިރު ބޭސް ލިބުމުގެ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް އައިސް، ޚާއްޞަކޮށް ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް މެދުކެނޑުމެއްނެތި ބޭސް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ބޭސްފަރުވާއަށް ބޭނުންވާ އާލާތްތަކާއި ޑޮކްޓަރީ ބޭސް ރާއްޖެއަށް އެތެރެކުރުން ހަރުދަނާކުރުމުގެ މަޤުޞަދުގައި އުފެއްދި މި ކުންފުނިން ދަނީ މުހިންމު ފިޔަވަޅުތަކެއް އަޅަމުންނެވެ. އޭގެ ތެރޭގައި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ ހުރިހާ ބޭސްފިހާރަތަކެއް އަންނަ ޖުލައި މަހުގެ ނިޔަލަށް ސްޓޭޓް ފާމާގެ ހިންގުމުގެ ދަށަށް ބަދަލުކުރުން ހިމެނެއެވެ. ހަމައެހެންމެ، މުޅި ރާއްޖޭގައި ހުރި ފާމަސީތަކުގެ ސްޓޮކް ވަގުތުން ވަގުތަށް ބަލައިލެވޭނެ ޒަމާނީ ނިއުގަނޑެއް ތަޢާރަފުކުރުމުގެ މަސައްކަތްވެސް ދަނީ ހަލުވިކަމާއެކު ކުރިއަށެވެ.
އައު ކުންފުނީގެ އަމަލީ މަސައްކަތްތައް ފެށުމުގެ ގޮތުން، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފުރަތަމަ ފާމަސީ ހުޅުވައި، އެ މަރުކަޒަށް ބޭނުންވާ ބޭސްތައް ކަށަވަރުކޮށްދިނުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އާންމު ބޭސްފިހާރަތަކުން ނުލިބޭ ބޭސްތައް ރާއްޖެއިން ބޭރުން ގެނެސްދިނުމުގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން "1505" ގެ ނަމުގައި ހޮޓްލައިނެއް ޤާއިމުކޮށްފައިވާއިރު، ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ވެސް ފަސޭހަކަމާ އެކު ބޭހަށް އޯޑަރު ކުރެވޭނެ "ސްޓޭޓް ފާމަރ ޕޯޓަލް" އެއް އާންމުންނަށް ދޫކޮށްލުމުގެ އެންމެ ފަހުގެ ތައްޔާރީތައް ސަރުކާރުން ދަނީ ވަމުންނެވެ.