ޚަބަރު

ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި ޢަބްދުﷲ ޝަރީފް އަވަހާރަވުމުން ރައީސް ތަޢުޒިޔާ ފޮނުއްވައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ލ. ދަނބިދޫގެ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވައި، ސަރުކާރުގެ އެކި މަޤާމުތަކުގައި ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި އެ ރަށު ނިރިލި، ޢަބްދުﷲ ޝަރީފް އަވަހާރަވުމުގެ ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ މަރްޙޫމްގެ އާއިލާއަށް ތަޢުޒިޔާ ފޮނުއްވައިފިއެވެ.

Ads by Allied

މީސްމީޑިއާ 'އެކްސް'ގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޢަބްދުﷲ ޝަރީފަކީ ގެދޮރުވެރިކަމާބެހޭ ވުޒާރާގެ ކޯޑިނޭޓަރެއްގެ ހައިސިއްޔަތުން އެމަނިކުފާނާ އެކު ވަރަށް ގާތުން މަސައްކަތްކުރެއްވި ބޭފުޅެއް ކަމަށެވެ. މީގެ އިތުރުން، އެއީ ދަނބިދޫގެ ކަތީބުކަމާއި އިދާރީ ހިންގުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ފަދަ އިޚްލާޞްތެރި ޚިދުމަތްތަކެއް ދައުލަތަށް ފޯރުކޮށްދެއްވި ހީވާގި ޝަޚްޞިއްޔަތެއްކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މި ހިތްދަތި ދަނޑިވަޅުގައި، މަރްޙޫމްގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާ ވަނީ މާތްﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައެވެ.

Ads by Allied Insurance