ދުނިޔެ

ދުނިޔޭގެ ޤާނޫނުތަކުގައިވާ ބާގަނޑުތަކުގެ ނާޖާއިޒު ފައިދާ ޑްރަގް ކާޓެލްތަކުން ނަގަމުންދާކަމަށް އަމިތު ޝާހު ވިދާޅުވެއްޖެ

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

އިންޑިއާގެ ޔޫނިއަން ހޯމް މިނިސްޓަރ އަމިތު ޝާހު ވަނީ 40 އަށްވުރެ ގިނަ ޤައުމުތަކުގެ ޑިޕްލޮމެޓުންނަށް ވަރަށް ސާފު މެސެޖެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ ދުނިޔޭގެ އެކި ޤައުމުތަކުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހަދާފައިވާ ޤާނޫނުތައް ތަފާތުވުމަކީ ޑްރަގް ނެޓްވޯކްތަކަށް އޮތް އެންމެ ބޮޑު ހަތިޔާރު ކަމަށާއި، މިކަން އިޞްލާޙުކުރުމަށް އޮތް ވަގުތު ކުޑަތަންވަމުންދާ ކަމަށެވެ.

Ads by Allied

އިންޑިއާގެ ޖާސޫސީ އިދާރާ، ރިސަރޗް އެންޑް އެނަލިސިސް ވިންގް (ރޯ) ގެ އެންމެ ޝަރަފުވެރި އަހަރީ ތަޤުރީރުކަމަށްވާ 'އާރް.އެން ކާއޯ މެމޯރިއަލް ލެކްޗަރ 2026' ގައި ވާހަކަފުޅުދައްކަވަމުން ޝާހު ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢަށް މުހިންމު ކަންތައްތަކަކަށް ގޮވާލައްވާފައެވެ. އޭނާ އެދިވަޑައިގަތީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުތައް އެއްގޮތްކުރުމަށާއި، އަދަބުތައް އެއް މިންގަނޑަކަށް ފެއްތުމަށާއި، ވަގުތުން ވަގުތަށް މަޢުލޫމާތު ޙިއްސާކުރުމުގެ އިތުރުން ޑްރަގް ނެޓްވޯކްތަކުގެ އިސްވެރިން ޤައުމުތަކާ ޙަވާލުކުރުމަށެވެ. އެހެން ނޫންނަމަ، ނާކޯ-ސްޓޭޓްތަކަކީ ދުނިޔޭގެ ބާރުވެރި މަރުކަޒުތަކަށް ވެގެންދާނެކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.

ރޯގެ ބާނީ ރަމޭޝްވަރު ނާތު ކާއޯގެ ހަނދާނުގައި ބޭއްވި މި ތަޤުރީރު އަޑުއެއްސެވުމަށް 40 އަށްވުރެ ގިނަ ޤައުމުގެ ސަފީރުންނާއި، ހައިކޮމިޝަނަރުންނާއި، ޑިޕްލޮމެޓުންނާއި، ރޯގެ ކުރީގެ ސެކްރެޓަރީންނާއި، ކާއޯގެ ޢާއިލީ ބޭފުޅުންގެ އިތުރުން އިންޑިއާގެ ސަލާމަތީ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

"8 ބިލިއަން މީހުންގެ އާބާދީއަކާއި، 195 ޤައުމާއި އަދި 250،000 ކިލޯމީޓަރުގެ ބައިނަލްއަޤްވާމީ ބޯޑަރުތައް އެކުލެވޭ މި ދުނިޔެއަށް، ވަކިވަކިވެފައިވާ އުސޫލުތަކަކުން މަސްތުވާތަކެތީގެ މައްސަލަ ޙައްލެއް ނުކުރެވޭނެ،" ޝާހު ވިދާޅުވިއެވެ.

އިންޑިއާގެ އެތެރޭގެ ޙާލަތަށް އަލިއަޅުއްވާލައްވަމުން ޝާހު ވިދާޅުވީ، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޒަޢާމަތުގައި، 2047 ވަނަ އަހަރާ ހަމައަށް އިންޑިއާއަކީ މަސްތުވާތަކެތިން ސަލާމަތްވެފައިވާ ޤައުމަކަށް ހެދުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. އެގޮތުން އިންޑިއާގެ ސަލާމަތީ އިދާރާތަކުން ވަނީ ޑްރަގް ސިންޑިކޭޓްތައް ނައްތާލުމަށް ޚާއްޞަ މަގުޗާޓެއް އެކުލަވާލާފައެވެ. އޭނާ ވިދާޅުވި ގޮތުގައި އިންޑިއާގެ ސުން-ޓޮލަރެންސް ސިޔާސަތުގެ ދަށުން، އެއް ގްރާމްގެ މަސްތުވާތަކެތި ވެސް އެ ޤައުމަށް އެތެރެވިޔަ ނުދިނުމާއި އަދި ޓްރާންސިޓް ރޫޓެއްގެ ގޮތުގައިވެސް އިންޑިއާ ބޭނުންކުރިޔަ ނުދިނުން ކަށަވަރުކުރާނެއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2014 އިން 2025 އަށް، 1 ލައްކަ 71 ހާސް ކްރޯޑު ރުޕީސްގެ އަގުހުރި، 1 ކްރޯޑު 11 ލައްކަ ކިލޯގްރާމަށްވުރެ ގިނަ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައެވެ. އަދި އެކުވެރި ޤައުމުތަކުގެ އެހީތެރިކަމާއެކު ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ޤައުމުން ބޭރުގައި އުޅުނު ބައިނަލްއަޤްވާމީ 40 އަށްވުރެ ގިނަ ކުށްވެރިން އަނބުރާ ގެނެސްފައިވާކަން ޝާހު ފާހަގަކުރެއްވިއެވެ.

މި އަހަރުގެ މާރޗް 31 އިން ފެށިގެން ތިން އަހަރު ދުވަހުގެ މުއްދަތަށް އިންޑިއާގައި މަސްތުވާތަކެއްޗާ ދެކޮޅަށް ޤައުމީ ފެންވަރުގެ ކެމްޕޭނެއް ފަށާފައިވާއިރު، މަރުކަޒީ ސަރުކާރުގެ ހުރިހާ އިދާރާތަކަކުން 2029 އާ ހަމައަށް ޚާއްޞަ މަގުޗާޓުތަކެއް އެކުލަވާލުމަށް ވަނީ އަންގާފައެވެ. މިހާރު 372 ޑިސްޓްރިކްޓެއްގައި ކުރިއަށްދާ މި ކެމްޕޭނުގައި 10 ކްރޯޑު މީހުންނާއި 3 ލައްކަ ތަޢުލީމީ މުއައްސަސާއިން ބައިވެރިވެއެވެ.

ބައިނަލްއަޤްވާމީ ފެންވަރުގައި މި މައްސަލައަށް ޙައްލެއް ހޯދުމަށް ޝާހު ހުށަހެޅުއްވީ މައިގަނޑު ހަތަރު ކަމެކެވެ. އެއީ މަނާތަކެތީގެ މާނަ ބައިނަލްއަޤްވާމީ ފެންވަރުގައި އެއްގޮތްކުރުމާއި، ޑްރަގް ޓްރެފިކްކުރާ ފަރާތްތަކަށް ދޭ އަދަބު އެއް މިންގަނޑަކަށް ފެއްތުމާއި، އެކްސްޓްރެޑައިޓް ކުރުމުގެ އޮނިގަނޑެއް އެކުލަވާލުމާއި، ބޯޑަރު ހުރަސްކުރުމުގެ ކުރިން އިންޓެލިޖެންސް މަޢުލޫމާތު ވަގުތުން ޙިއްސާކުރުމެވެ. މިކަންކަން ނުކުރެވިއްޖެނަމަ، އަދަބު ލުއި ޤައުމުތައް މެދުވެރިކޮށް ޑްރަގް ކާޓެލްތަކުން އެމީހުންގެ ނެޓްވޯކްތައް ފުޅާކުރަމުންދާނެކަމަށް އޭނާ އިންޒާރު ދެއްވިއެވެ.

ޝާހު ވިދާޅުވީ މިހާރު މިކަމަށް ފިޔަވަޅު ނާޅައިފިނަމަ، ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ފުރުޞަތު އެއްކޮށް ގެއްލިގެންދާނެ ކަމަށެވެ. އޭނާ ވަނީ މަސްތުވާތަކެތީގެ މައްސަލައަކީ ހަމައެކަނި ޤާނޫނު ތަންފީޒުކުރުމުގެ މައްސަލައެއްގެ ގޮތުގައި ނުދެކި، މިއީ އަންނަން އޮތް ޖީލުތަކަށް އޭގެ ނުރައްކާ އޮތް ޤައުމީ ސަލާމަތާއި އާންމު ސިއްހަތުގެ ކުއްލި ޙާލަތެއްގެ ގޮތުގައި ދެކުމަށް ޑިޕްލޮމެޓުންނަށް ގޮވާލައްވާފައެވެ.

ނާކޯ ނެޓްވޯކްތަކާއި ނާކޯ-ޓެރަރިސްޓް ސްޓޭޓްތަކާ ދެކޮޅަށް ދުނިޔެއިން އެކުގައި، ޖިއޯޕޮލިޓިކަލް ތަފާތުވުންތަކުން އެއްކިބާވެތިބެ ހަނގުރާމަކުރަންޖެހޭކަން ފާހަގަކުރައްވަމުން، އެ ފަރާތްތަކުން މަސްތުވާތަކެތީގެ ފައިސާއިން ޓެރަރިޒަމަށް ފަންޑުކޮށް، ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް ނުފޫޒު ފޯރުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ރޯގެ މައި އިދާރާގައި ބޭއްވި މި އަހަރުގެ 'އާރް.އެން ކާއޯ މެމޯރިއަލް ލެކްޗަރ' އަކީ އާންމުކޮށް ޖާސޫސީ އަދި ޖިއޯޕޮލިޓިކަލް މަޢުލޫއުތަކަށް ބާއްވާ ތަޤުރީރަކަށް ވީނަމަވެސް، މިފަހަރުގެ ތަޤުރީރު ވެގެންގޮސްފައިވަނީ އިންޑިއާގެ ޚާރިޖީ ސިޔާސަތުގެ ތެރެއިން މަސްތުވާތަކެއްޗާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ބައިނަލްއަޤްވާމީ މައިދާނަށް ހާމަކޮށްދިން ތަފާތު މުހިންމު ޕްލެޓްފޯމަކަށެވެ.

Ads by Allied Insurance