ދުނިޔެ

އިންޑިއާއާއި އޮމާނާ ދެމެދު ވެވުނު ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު، ކުރިއަށް އޮތް 3 އަހަރު ތެރޭގައި އެކްސްޕޯޓް 50 އިންސައްތަ އިތުރުވާނެ ކަމަށް ލަފާކޮށްފި

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

އިންޑިއާއާއި އޮމާނާ ދެމެދު އެކުލަވާލާފައިވާ ވިޔަފާރީގެ ބޮޑު އެއްބަސްވުމަށް މިއަދު އިންޑިއާ ގަޑިން މެންދުރުފަހު 2:00 ގައި އަމަލުކުރަން ފަށާނެއެވެ. "ކޮމްޕްރިހެންސިވް އިކޮނޮމިކް ޕާޓްނަރޝިޕް އެގްރީމެންޓް" (ސީއީޕީއޭ) ގެ ނަމުގައި ސޮއިކުރެވުނު މި އެއްބަސްވުމުގައި ދެ ގައުމުން ސޮއިކޮށްފައިވަނީ 18 ޑިސެމްބަރ 2025 ގައެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އޮމާންގެ ރަސްގެފާނު ސުލްޠާން ހައިޘަމް ބިން ތާރިޤްގެ ހާޒިރުގައި، މި އެއްބަސްވުމުގައި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓަރު ޕިޔޫޝް ގޯޔަލްއެވެ. އޮމާންގެ ފަރާތުން ސޮއިކުރެއްވީ ކޮމާސް، އިންޑަސްޓްރީ އެންޑް އިންވެސްޓްމަންޓް ޕްރޮމޯޝަން މިނިސްޓަރު ގައިސް ބިން މުޙައްމަދު އަލް ޔޫސުފްއެވެ. އިންޑިއާއިން ލަފާކުރާ ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި އޮމާނަށް ބޭރުކުރާ މުދާ 50 އިންސައްތަ އިތުރުވެގެންދާނެއެވެ.

އިންޑިއާގެ ކޮމާސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މިއީ އިންޑިއާގެ އުފެއްދުންތެރިކަމުގެ ދާއިރާތަކަށް ހުޅުވިގެންދާ ވަރަށް ފަހި ފުރުސަތެކެވެ. މީގެ ތެރޭގައި ފޮތީގެ ބާވަތްތަކާއި، ހަމުގެ އުފެއްދުންތަކާއި، ފައިވާނާއި، ގަހަނާއާއި، އިންޖިނިއަރިންގ އުފެއްދުންތަކާއި، ޕްލާސްޓިކާއި، ފަރުނީޗަރާއި، ދަނޑުވެރިކަމުގެ ބާވަތްތަކާއި، ބޭހާއި، ސިއްހީ އާލާތްތައް އަދި އުޅަނދުފަހަރު ހިމެނެއެވެ. މިހާރު ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ އަގު 10 ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާއިރު، ސީއީޕީއޭގެ ދަށުން މި އަދަދު އިތުރަށް ފުޅާވުމުގެ ފުރުސަތު ބޮޑެވެ.

އޮމާނުގައި އިންޑިއާގެ 7 ލައްކައެއްހާ ރައްޔިތުން ދިރިއުޅެމުންދެއެވެ. މީގެ ތެރޭގައި 200 އާއި 300 އަހަރާ ދެމެދުގެ މުއްދަތަކަށް އެ ގައުމުގައި ވަޒަންވެރިވެފައިވާ އިންޑިއާގެ ވިޔަފާރިވެރި އާއިލާތައްވެސް ހިމެނޭއިރު، އޮމާނުން އިންޑިއާއަށް އަހަރަކު ގާތްގަނޑަކަށް 2 ބިލިއަން ޑޮލަރު ފޮނުވައެވެ. ހުޅަނގު އޭޝިއާގެ މި ގައުމުގެ އެކި ދާއިރާތަކުގައި އިންޑިއާގެ 6،000 އަށްވުރެ ގިނަ ކުންފުނި ހަރަކާތްތެރިވެއެވެ. މިއީ އިންޑިއާގެ ވިޔަފާރިތަކަށް އައު ފުރުސަތުތައް ހޯދައިދިނުމުގެ އިތުރުން، އިންޑިއާގެ މަސައްކަތްތެރިކަމުގެ މަސްލަހަތުތަކާ ވާދަނުކުރާ ތަރައްގީވެފައިވާ އިގުތިސާދުތަކާއެކު ވިޔަފާރީގެ އެއްބަސްވުންތައް ގާއިމުކުރުމަށް އެ ގައުމުން ގެންގުޅޭ ސްޓްރެޓެޖީގެ މުހިންމު ބައެކެވެ.

އޮމާނުން ވަނީ އެ ގައުމުގެ ޓެރިފް ލައިންތަކުގެ 98.08 އިންސައްތަ ސުން-ޑިއުޓީގައި އެތެރެކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީފައެވެ. މިއީ އިންޑިއާއިން އޮމާނަށް ބޭރުކުރާ މުދަލުގެ 99.38 އިންސައްތައެވެ. މީގެ ތެރޭގައި ގަހަނާއާއި، ފޮތީގެ ބާވަތްތަކާއި، ހަމުގެ އުފެއްދުންތަކާއި، ފައިވާނާއި، ކުޅިވަރު ސާމާނާއި، ޕްލާސްޓިކާއި، ފަރުނީޗަރާއި، ދަނޑުވެރިކަމުގެ ބާވަތްތަކާއި، އިންޖިނިއަރިންގ އުފެއްދުންތަކާއި، ބޭސް ފަދަ އިންޑިއާގެ މައިގަނޑު ހުރިހާ ދާއިރާތަކެއް ހިމެނޭއިރު، މީގެ ތެރެއިން 97.96 އިންސައްތަ ޓެރިފް ލައިންތަކުގެ ޑިއުޓީ ވަގުތުން ކަނޑާލުމަށް ވަނީ ހުށަހަޅާފައެވެ.

އަނެއްކޮޅުން، އިންޑިއާއިން ވަނީ އެ ގައުމުގެ ޖުމްލަ ޓެރިފް ލައިންތަކުގެ 77.79 އިންސައްތަ (12،556 ލައިން) ގައި ޑިއުޓީއަށް ލުއިދިނުމަށް ނިންމާފައެވެ. މިއީ އޮމާނުން އިންޑިއާއަށް އެތެރެކުރާ މުދަލުގެ އަގުގެ 94.81 އިންސައްތައެވެ. އޮމާނުން އެކްސްޕޯޓްކުރަން ބޭނުންވާ، ނަމަވެސް އިންޑިއާއަށް ނާޒުކު ބާވަތްތަކުގެ ގޮތުގައި ބެލެވޭ މުދަލަށް އިންޑިއާއިން ޑިއުޓީގެ ލުއި ދީފައިވަނީ ކޯޓާއެއް ކަނޑައަޅައިގެންނެވެ.

އިންޑިއާގެ އަމިއްލަ މަސްލަހަތު ހިމާޔަތްކުރުމުގެ ގޮތުން، ބައެއް ބާވަތްތައް ވަނީ އެއްވެސް ލުޔެއް ނުދީ މި އެއްބަސްވުމުން އިސްތިސްނާކޮށްފައެވެ. އޭގެ ތެރޭގައި ކިރާއި، ސައިފަތާއި، ކޮފީއާއި، ރަބަރާއި ދުންފަތުގެ ބާވަތްތައް ފަދަ ދަނޑުވެރިކަމުގެ އުފެއްދުންތަކާއި، ރަނާއި ރިހީގެ އިތުރުން ގަހަނާއާއި، ބައެއް ކުޅިވަރު ސާމާނާއި ފައިވާނާއި އަދި ބައެއް ބޭސް މެޓަލްގެ ސްކްރެޕް ހިމެނެއެވެ.

އޮމާނުން ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތެރެކުރާ 12.52 ބިލިއަން ޑޮލަރުގެ ހިދުމަތްތަކުގެ ތެރެއިން އިންޑިއާގެ ހިއްސާއަކީ 5.31 އިންސައްތައެވެ. އެހެންކަމުން، އައިޓީ، ވިޔަފާރި، އޯޑިއޯ-ވިޝުއަލް، ރިސާޗް އަދި ސިއްހީ އާއި ތައުލީމީ ދާއިރާ ފަދަ ހިދުމަތްތައް ފޯރުކޮށްދޭ އިންޑިއާގެ ފަރާތްތަކަށް އޮމާނުގައި ބޮޑެތި ފުރުސަތުތަކެއް ހުރިކަން އިންޑިއާގެ ކޮމާސް މިނިސްޓްރީން ފާހަގަކުރެއެވެ.

މި އެއްބަސްވުމުގެ ދަށުން ފުރަތަމަ ފަހަރަށް އޮމާނުން ވަނީ ކޯޕަރޭޓް ޓްރާންސްފަރީންގެ ކޯޓާ 20 އިންސައްތައިން 50 އިންސައްތައަށް އިތުރުކޮށް، ކޮންޓްރެކްޓް އުސޫލުން ހިދުމަތްދޭ ފަރާތްތަކަށް ހުރުމުގެ ހުއްދަ 90 ދުވަހުން 2 އަހަރަށް އިތުރުކޮށްފައެވެ. އަދި މި މުއްދަތު އިތުރު 2 އަހަރަށް އާކުރެވޭނެ ގޮތްވެސް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން އެކައުންޓިންގ، ޓެކްސް، އާކިޓެކްޗަރ އަދި ސިއްހީ ދާއިރާ ފަދަ މުހިންމު ދާއިރާތަކުގެ ހުނަރުވެރި ފަންނުވެރިންނަށް އެ ގައުމަށް އެތެރެވުމާއި ހުރުމުގެ ލުއިފަސޭހަތަކެއް ވަނީ ފަހިކޮށްދީފައެވެ.

އިންޑިއާގެ ކުންފުނިތަކަށް އޮމާންގެ މައިގަނޑު ހިދުމަތުގެ ދާއިރާތަކުގައި 100 އިންސައްތަ ބޭރުގެ ސީދާ އިންވެސްޓްމަންޓް (އެފްޑީއައި) ކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. އަދި އޮމާނުގެ ސޯޝަލް ސެކިއުރިޓީ ނިޒާމު ތަންފީޒުވުމުން މަސައްކަތްތެރިންގެ ރައްކާތެރިކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށްވެސް ދެ ފަރާތުން ވަނީ އެއްބަސްވެފައެވެ. މީގެ އިތުރުން އިންޑިއާގެ އާޔޫޝް އަދި ވެލްނެސް ދާއިރާއަށް ވެސް ވަނީ އޮމާނުގައި ފުޅާ ދާއިރާއެއްގައި ފުރުސަތުތަކެއް ފަހިވެފައެވެ.

ޑިއުޓީއަށް ލުއި ދިން ނަމަވެސް، ވިޔަފާރިއަށް ހުރަސްއެޅޭ އެހެނިހެން ކަންކަމަށްވެސް ސީއީޕީއޭގެ ދަށުން ވަނީ ހައްލުތަކެއް ހޯދައިދީފައެވެ. މިއީ 2006 ވަނަ އަހަރު އެމެރިކާއާއެކު ވެވުނު އެއްބަސްވުމަށްފަހު، އޮމާނުން އެހެން ގައުމަކާއެކު މިފަދަ ދޭދޭ އެއްބަސްވުމެއްގައި ސޮއިކުރި ފުރަތަމަ ފަހަރެވެ.

Ads by Allied Insurance