260އަށް ވުރެ ގިނަ ބައިވެރިންނާއެކު "ވިލުންވެރި ކަނބަލުން" ގެ ޕްރޮގްރާމް ފަށައިފި
މުޖުތަމައުގައި އަންހެނުން ބާރުވެރިކުރުވައި، ފަންނީ ހުރަރުތައް ދަސްކޮށްދިނުމަށް، އެޗްޑީސީ އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ)ގުޅިގެން ކުރިއަށްގެންދާ "ވިލުންވެރި ކަނބަލުން"ޕްރޮގްރާމް މިއަދު ފަށައިފިއެވެ.
އެޗްޑީސީން ބުނީ އެ ޕްރޮގުރާމުގައި ބައިވެރިވުމަށް މިއަހަރު ހުޅުވާލި ފުރުސަތުގައި 264ބައިވެރިން ފޯމު ހުށަހެޅި ކަމަށާއި އެ ހުރިހާ ފަރާތްތަކަށް ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ދިން ކަމަށެވެ.
މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ކޮންމެ ކަމެއްގައި އެހެން މީހުންނަށް ބަރޯސާވުމުގެ ބަދަލުގައި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް، ފަންނީ ދާއިރާތަކުން އަންހެނުން ބާރުވެރި ކުރުން ކަމަށް އެޗްޑީސިން ބުންޏެވެ.
އެގޮތުން، 2023ވަނަ އަހަރު އެ ޕްރޮގްރާމަށް ލިބުނު ބޮޑު ތަރުހީބަށް ރިއާޔަތްކޮށް، މިއަހަރުގެ ތަމްރީނުތަކުގެ ދާއިރާ ވަނީ އިތުރަށް ފުޅާކޮށް ޑޮމެސްޓިކް އެޕްލައެންސަސް މަރާމާތުކުރުމުގެ ތަމްރީނުތަކުގެ އިތުރުން، ސައިކަލަށް ދިމާވާ އާންމު މައްސަލަތައް ހައްލުކުރަން ދަސްކޮށްދިނުމަށް މިއަހަރުގެ ތަމްރީނު ޕްރޮގްރާމުގައި ހިމެނި ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
އެމްއައިޓީއާއި އެޗްޑީސީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މިފަދަ ތަމްރީނުތަކުގެ ސަބަބުން އަންހެނުންނަކީ ގޭތެރޭގެ ކަންކަމުގައި ވިލުންވެރި އަދި އަހުލުވެރި ބަޔަކަށް ވެގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ. އަދި އޭގެ އިތުރުން އެ އެއްބަސްވުމުގެ ދަށުން ކުރިއަށްއޮތްތަނުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ޒުވާނުންނަށް އަމާޒުކޮށްގެން ހުނަރުވެރި ކުރުވުމުގެ އިތުރު ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ވެސް ރާވާފައިވާކަމަށް އެޗްޑީސީން ބުންޏެވެ.