ޚަބަރު

ފަރަންސޭސިވިލާތުގެ އައު ސަފީރު، އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސްއަށް އަރުވައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފަރަންސޭސިވިލާތުގެ އައު ސަފީރު، އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސްއަށް އެރުވުން / ފޮޓޯ: ރައީސް އޮފީސް

ފަރަންސޭސިވިލާތުގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސަލެންސީ ރެމީ ލޮބޭޚް، އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އަރުވައިފިއެވެ.

މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާ އެކު ހިންގަވާފައެވެ.

ފަރަންސޭސިވިލާތުގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފައެވެ.

އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ފަތުރުވެރިކަމާއި، ކަނޑުދަތުރުފަތުރާއި، ކަނޑުތައް ހިމާޔަތްކުރުމާއި، މޫސުމީ ބަދަލުތަކުގެ އިތުރުން ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާތައް ހިމެނެއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ވަރުގަދަކޮށް، އެ ގުޅުން ދެމެހެއްޓުމުގެ ޢަޒުމް ދެ ބޭފުޅުން ވެސް ވަނީ އައުކުރައްވާފައެވެ.

ދިވެހިރާއްޖެއާއި ފަރަންސޭސިވިލާތާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1969ވަނަ އަހަރުގެ މެއި މަހުގެ 20ވަނަ ދުވަހުގައެވެ.

Ads by Allied Insurance