ދުނިޔެ

ހުޅަނގު އޭޝިޔާ އާއި އެފްރިކާއަށް އިންޑިއާ ވަންނަ މައި ދޮރާއްޓަކަށް އޮމާންގެ ބަނދަރުތައް ވެއްޖެ

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

ޖޫން 1 ވަނަ ދުވަހު އިންޑިއާ އާއި އޮމާނާ ދެމެދު އެކުލަވާލެވުނު 'ސީއީޕީއޭ' (ކޮމްޕްރިހެންސިވް އިކޮނޮމިކް ޕާޓްނަރޝިޕް އެގްރީމަންޓް) އަށް އަމަލުކުރަން ފެށުމާއެކު، އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހިމެނޭ އޮމާންގެ ބޮޑެތި ބަނދަރުތައް ކަމަށްވާ ސުހާރު، ސަލާލާ އަދި ދުގުމް އަކީ އިންޑިއާގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުންނަށް ހުޅަނގު އޭޝިއާ، އުތުރު އެފްރިކާ އަދި އިރުމަތީ އެފްރިކާގެ ފުޅާ ބާޒާރުތަކަށް ވަނުމަށް އޮތް މުހިންމު ދޮރާއްޓަކަށް ވަނީ ވެފައެވެ.

އެކޮނޮމިކް ޓައިމްސް (އީޓީ) އަށް މައުލޫމާތު ދެއްވަމުން އޮމާން ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ، އެފްރިކާ އާއި ހުޅަނގު އޭޝިއާގެ ބާޒާރުތަކަށް ވަނުމަށް ބޭނުންވާ އިންޑިއާގެ އެކްސްޕޯޓަރުންނާއި އިންވެސްޓަރުންނަށް މި ބަނދަރުތަކުން ލޮޖިސްޓިކްސްގެ ފުރިހަމަ އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ. އަދި އޮމާނުން އެ ސަރަހައްދުގައި ގާއިމުކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކުގެ (އެފްޓީއޭ) ފައިދާ ނަގައިގެން އިންޑިއާގެ ވިޔަފާރިތަކަށް އެމީހުންގެ ދާއިރާ ފުޅާކުރުމުގެ ފުރުސަތު އޮތްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އެއް ބަނދަރު ކަމަށްވާ އޮމާންގެ ސުހާރު ބަނދަރަކީ، އަގުހުރި އެތައް ހިދުމަތްތަކެއް ފޯރުކޮށްދޭ، އަދި ދަނޑުވެރިކަމުގެ އުފެއްދުންތައް ގަނޑުކޮށް އެކްސްޕޯޓު ކުރުމަށް އެ ގައުމުގައި ގާއިމުކުރެވުނު ފުރަތަމަ ޓަރމިނަލް ހިމެނޭ ތަން ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. 2004 ވަނަ އަހަރުން ފެށިގެން ހިދުމަތް ދެމުން އަންނަ، އަދި ހޯރމޫޒް ކަނޑުއޮޅީގެ ބޭރުގައި އޮންނަ 21 މިލިއަން އަކަމީޓަރުގެ މި ފުން ބަނދަރު ބެހިގެންވަނީ މައިގަނޑު ތިން ބަޔަކަށެވެ. އެއީ ލޮޖިސްޓިކްސް، ޕެޓްރޯކެމިކަލްސް އަދި މެޓަލްސް އެވެ. މީގެ އިތުރުން ދާދި ފަހުން ވަނީ ދަނޑުވެރިކަމުގެ އުފެއްދުންތަކަށް ހާއްސަ ފުޑް ކްލަސްޓާއެއްވެސް އިތުރުކޮށްފައެވެ.

މި ބަނދަރަކީ ދުނިޔޭގެ މައިގަނޑު ހުރިހާ ބަނދަރުތަކާ ދެމެދު ދެ ހަފްތާގެ ކަނޑުދަތުރަކުން ގުޅާލެވޭ ފަދަ މަރުކަޒަކަށް ވުމުން، ގަލްފުގެ ގައުމުތަކާއި (ޖީސީސީ)، އިންޑިއާ އަދި އިރުމަތީ އެފްރިކާގެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ބާޒާރުތަކަށް ފަސޭހައިން ވާސިލުވެވެއެވެ.

އޮމާންގެ ސަލާލާ ބަނދަރަކީ އިންޑިއާއިން ގަލްފަށް އެކްސްޕޯޓުކުރާ ދަނޑުވެރިކަމާއި ކާބޯތަކެތީގެ އުފެއްދުންތަކުގެ މައި މަރުކަޒެއްގެ ގޮތުގައިވެސް ބޭނުންކުރަމުން އަންނަ ތަނެކެވެ. އަހަރެއްގެ މައްޗަށް 2،500 އަށްވުރެ ގިނަ އުޅަނދު މި ބަނދަރަށް ބަނދަރުކުރާއިރު، މިއީވެސް ދުނިޔޭގެ ނިސްބަތުން އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އެއް ބަނދަރު ކަމަށް އޮފިޝަލުން މައުލޫމާތުދެއެވެ.

މި ބަނދަރުގައި ރާޅުތައް މަޑުކޮށްދޭ ޒަމާނީ ނިޒާމެއް ގާއިމުކޮށްފައިވުމުގެ ސަބަބުން ބޯޓުފަހަރުގެ ހަރަކާތްތައް ކުޑަކޮށްދީ، ކޮންޓެއިނަރުތައް އަވަހަށް ހުސްކުރުމަށް މަގުފަހިކޮށްދެއެވެ. އަދި އޮމާނުން އަލަށް ހެދި 10 ބިލިއަން ޑޮލަރުގެ މަގުގެ ނިއުގަނޑާ މި ބަނދަރު ގުޅިފައިވުމުން، ފުޅާވަމުން އަންނަ ޖީސީސީގެ ބާޒާރަށް މުދާ ގެންދިއުމަށް ފަސޭހަވެއެވެ. އޮމާން ސަރުކާރުގެ މަސްދަރަކުން ބުނި ގޮތުގައި ސަލާލާ ފްރީ ޒޯނާއި، އަލް މަޒުނާ ފްރީ ޒޯން އަދި ސަލާލާ އެއާޕޯޓާ މި ބަނދަރު ގުޅިފައިވުމުން އޭގެ މުހިންމުކަން އިތުރަށް ބޮޑުވެގެންދެއެވެ.

މީގެ އިތުރުން އޮމާންގެ ދުގުމް ބަނދަރުގައި އިންޑިއާގެ ސްޓްރެޓީޖިކް ހާޒިރުވުމެއް އެބައޮތެވެ. މި ބަނދަރަކީ މެދުއިރުމަތީގެ އެންމެ ބޮޑު ސްޕެޝަލް އިކޮނޮމިކް ޒޯން ކަމަށްވާ 'ސްޕެޝަލް އިކޮނޮމިކް ޒޯން އެޓް ދުގުމް' (އެސްއީޒެޑްޑީ) އަށް ވަނުމަށް އޮތް މައި ދޮރާއްޓެވެ.

Ads by Allied Insurance