އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓުލުން ފަށައިފި
އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓު ލުން ފަށައިފިއެވެ.
މުޅި ރާއްޖޭގައި ކުރިއަށްދާ އިންތިހާބުގެ ވޯޓުލުން ފެށީ މެންދުރުފަހު 2:30ގައެވެ. މި އިންތިހާބުގެ ވޯޓުލުން މިރޭ 8:30 އާ ހަމައަށް ކުރިއަށްދާނެއެވެ.
މި އިންތިހާބުގައި ވާދަކުރަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމާ ދެމެދުގައެވެ. އެމްޑީޕީގެ އެތެރޭގެ ފެކްޝަން ތަކުގެ ވާދަވެރިކަން ވެސް ވަރަށް ބޮޑުވެ.
މި ޗެއާޕާސަން އިންތިހާބުގައި ނަޝީދަށް ތާއިދުކުރަން ނަޝީދުގެ ފެކްޝަނާއި އެންމެ ފަހުން އެމްޑީޕީގެ ޗެއާޕާސަން ކަމުގައި ހުންނެވި ފައްޔާޒު އިސްމާއީލުގެ ފެކްޝަނުންނެވެ.
މީކާއިލަށް ތާއީދުކުރަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުންނާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ ފެކްޝަނުންނެވެ. އެކަމަކު ޕާޓީގެ ރައީސަށް ވާތީ ވަކި ކެންޑިޑޭޓަކަށް ތާއީދުނުކުރައްވާ ކަމަށް ޝާހިދު އިއުލާންކުރައްވާފައިވެއެވެ. އެހެން ނަމަވެސް ޝާހިދުގެ ފެކްޝަންގެ އެހެން ބޭފުޅުން މީކާއިލްގެ ކެމްޕެއިނުގައި ހަރަކާތްތެރިވެފައިވެއެވެ.
މީކާއިލް ކެމްޕެއިން ކުރެއްވީ ރިޔާސީ ޕްރައިމަރީއަށް އިންސާފުވެރި ރެފްރީއެއްގެ ގޮތުގައި ޗެއާޕާސަން ކަން ކުރައްވާނެ ކަމުގެ ޔަގީންކަމާއެކު 'އިތުބާރު' ޝިއާރާ އެކީގައެވެ. ނަޝީދު ކެމްޕެއިން ކުރެއްވީ ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެނައުމަށް އެމްޑީޕީގެ ޗެއާޕާސަންގެ ހައިސިއްޔަތުން އިސްލާހީ ހަރަކާތެއް އެމްޑީޕީން އިސްވެ ހިންގުމަށް 'ބޮޑު ބަދަލު' ޝިއާރާ އެކީގައެވެ.