ޚަބަރު

އެމްޑީޕީ އިންތިހާބު: ފިޔޯރީ ވޯޓުފޮށި ބާތިލުކޮށްފި، ފީއަލީ ވޯޓުފޮއްޓަށް ވެސް ގޮތެއް ނިންމަނީ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ފިއޮރީގައި ބެހެއްޓުނު ވޯޓުފޮށި / ފޮޓޯ: އެމްޑީޕީ

ގދ. ފިޔޯރީ ވޯޓު ފޮށި ބާތިލުކުރުމަށް މޯލްޑިވިއން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ނިންމައިފިއެވެ.

އެ ޕާޓީގެ އިންތިހާބު ކޮމިޓީގެ މެންބަރު އިބްރާހިމް މުއިއްޒު ވިދާޅުވީ، ގދ. ފިޔޯރީގައި ބެހެއްޓި ވޯޓު ފޮއްޓާ ގުޅިގެން ލިބުނު ޝަކުވާތަކަށް ބަލާ އެ ވޯޓު ފޮށި ބާތިލުކޮށްފައިވާ ކަމަށެވެ. އަދި ރަށުގައި ވޯޓުލުން ކުރިއަށް ގެންދާނެ ތާރީހެއް މިރޭ ފާސްނުކުރާ ކަމަށާއި ފަހުން އެ ރަށުގެ ވޯޓުލުން ކުރިއަށް ގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ދެވަނަ އަށް މައްސަލަ ޖެހުނު ފީއަލީ ވޯޓު ފޮއްޓާ މެދު އަދި ގޮތެއް ނުނިންމާ ކަމަށާއި ކޮމިޓީގެ ވިސްނުން ހުރީ އެ ފޮށީގެ ވޯޓުލުން ވެސް ބާތިލުކުރާ ގޮތަށް ކަމަށެވެ. އަދި ފ. ބިލެތްދޫގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަކާ ގުޅޭ އެފަދަ މައްސަލައެއް ވެސް ބަލަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

ފިޔޯރީގެ އޮފިޝަލަކު ވިދާޅުވީ ވޯޓާސް ލިސްޓުގައި ނަން ނެތް މީހަކު، ކެންޑިޑޭޓެއްގެ މަންދޫބަކު ކަމަށް ބުނެ ވޯޓުލާ ކިއޫއަށް އެރި ކަމަށެވެ. ނަމަވެސް އޭނާގެ ނަން ލިސްޓުގައި ނެތުމުން ވޯޓުނުލެވޭނެ ކަމަށް އެންގުމުން އެ ތަނުގައި އަޑުގަދަކޮށް ހަމަނުޖެހުން ހިންގައި ވޯޓު ފޮށި ވެސް ފަޅާލާފައިވާ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.

ފީއަލީގައި މައްސަލަ ޖެހުނީ ވޯޓު ލިސްޓުގައި ނަން ނެތް ކަމަށް ބުނެ ވޯޯޓުލުމުގެ ފުރުސަތު ނުދިނުމުން އެކަމާ އެ މީހުން ނުރުހުން ފާޅުކުރަމުން ކަމަށާއި ނުރުހުން ފާޅުކުރީ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމްގެ ޓީމުގެ ބަޔަކު ކަމަށް ވޯޓުލާ މަރުކަޒުގެ އޮފިޝަލަކު މައުލޫމޫތުދެއެވެ. އަދި މައްސަލަގަނޑުގެ ތެރެއިން ވޯޓު ފޮށި ގެންދިޔައީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ސަޕޯޓު ކުރާ ބައެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި އިންތިހާބަކީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މީހަކު އިންތިހާބުކުރުމަށް ކުރިއަށްގެންދިޔަ އިންތިހާބެކެވެ. މި އިންތިހާބުގައި ވާދަކުރައް ވަނީ ކުރީގެ ރައީސް ނަޝީދާއި މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.