ރައްޔިތުންގެ އެންމެ ބޮޑު އިތުބާރެއް އޮތީ ޕީއެންސީގެ ގުނޑުމެއްނެތް ފިކުރަށް: ރައީސް
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސާބިތު ފިކުރަކީ، ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ދިވެހި ރައްޔިތުންގެ އެންމެ ބޮޑު ތާއީދާއި އިތުބާރު ހޯދާފައިވާ، ނުގުޑާނެ ފިކުރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދ. މީދޫގައި ކައުންސިލް އިންތިޚާބު ޕީއެންސީގެ ކެންޑިޑޭޓު ކާމިޔާބު ކުރުމާ ގުޅިގެން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، މީދޫ ކައުންސިލްގެ ރައީސް ހޮވުމަށާއި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރުމަށް މަސައްކަތްކޮށްދެއްވި ހުރިހާ ފަރާތްތަކަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ޕާޓީ އުފެދުނުތާ ގިނަ ދުވަސްތަކެއް ނުވަނީސް، އިންތިހާބުތަކުގައި ރައްޔިތުން ޕީއެންސީއަށް ކުރަމުންދާ ފުން އިތުބާރަކީ އުފާކުރައްވާ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި، ޕީއެންސީގެ އަސާސަކީ މާތްވެގެންވާ އިސްލާމްދީން ނަގަހައްޓައި، ގައުމުގައި އަމާންކަމާއި ސުލްހަމަސަލަސްކަން ގާއިމުކުރުމާ އެކު، ރައްޔިތުންނަށް އުމްރާނީ އަދި އިގުތިސާދީ ތަރައްގީ ކަށަވަރުކޮށްދިނުމެވެ. މިގޮތުން، މި އަމާޒަށް ވާސިލުވުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ އަމަލީގޮތުން ފެންނަމުންދާކަމަށާއި، މި ސިޔާސަތުތައް ތަންފީޒުކުރުމުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ރައީސް މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރުހުމެއް ނެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް އޭރު ދޫކޮށްލާފައި ވަނީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފަށް ކަމަށެވެ. ނަމަވެސް، ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމަށް ބައިނަލްއަގުވާމީ މިންގަނޑުތަކުގެ ތެރެއިން ގާނޫނީ ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް، ބޮޑު ހޭދައެއް ކޮށްގެން ނަމަވެސް ގައުމުގެ ހައްގުގައި މި ސަރުކާރުން ކުރަމުންދާކަން އެމަނިކުފާނު ކަށަވަރުކޮށްދެއްވިއެވެ.