ބްރިޖު ބަލަހައްޓާނެ ދިވެހިން ތަމްރީން ކުރަން ފަށައިފި
ސިނަމާލެ ބްރިޖާ ހަވާލުވެ، ބެލެހެއްޓުމުގެ މަސައްކަތަށް ދިވެހިން ތަމްރީން ކުރަމުން އަންނަ ކަމަށް ޕްލޭނިން މިނިސްޓްރީ އިން ބުނެފި އެވެ.
ބްރިޖު ބެލެހެއްޓުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަނީ ބްރިޖު އެޅި ޗައިނާގެ ސީސީސީސީ ސެކަންޑް ހާބަ އިންޖިނިއަރިން ކުންފުނިންނެވެ. މެއިންޓޭނަންސް އާއި އެހެނިހެން ހަރަދުތައް ކުރަނީ ޗައިނާ ސަރުކާރުންނެވެ.
ދިވެހި ސަރުކާރާއެކު އެ ކުންފުނިން ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތުން ބްރިޖު ބަލަހައްޓަން ޖެހެނީ ދެ އަހަރުގެ މުއްދަތަކަށެވެ. އޭގެ ފަހުން އެ މަސައްކަތް ކުރަން ދިވެހިން ތަމްރީން ކުރަން ކުރީ ސަރުކާރުން އޮތީ ނިންމައިފަ އެވެ. ދެ އަހަރުގެ މުއްދަތު މި އަހަރު ސެޕްޓެމްބަރު މަހަށް ހަމަވާނެ އެވެ.
ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ބްރިޖު ބަލަހައްޓަން ދިވެހިން ތަމްރީން ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އެ މީހުން ތަމްރީން ކުރަމުން އަންނަނީ ސީސީސީސީ ކުންފުނިން ކަމަށާއި ކޮންޓްރެކްޓު ހަމަވާ ދުވަހުން ފެށިގެން ދިވެހިން ބްރިޖު ބެލެއްޓުމާ ހަވާލުވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އެހެން ނަމަވެސް އެ މަސައްކަތައް ތަމްރީން ކުރަމުން އަންނަނީ ކިހާ މީހުންނެއް ކަމެއް ނުބުނެ އެވެ.
ސީސީސީސީ މިހާރު އަންނަނީ އާ މެޓީރިއަލްއެއް ބޭނުންކޮށްގެން ބްރިޖުގެ ދަގަނޑުތަކުން ދަބަރު ފިލުވުމުގެ މަސައްކަތް ކުރަމުންނެވެ.