ދުނިޔެ

ޖަޕާނުގެ ޕާޓްނަރުންނާއެކު އިންޑިއާގެ 'ކޭންސް' އިން ޖަޕާނުގެ ޗިޕް އެސެމްބްލީ މާކެޓަށް

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

ޓޯކިޔޯ -- އޮޓޯމޯޓިވް ޗިޕް އުފެއްދުމަށް އަމާޒުކޮށް، ޖަޕާނުގެ ވިޔަފާރިވެރިންނާ ގުޅިގެން އިންޑިއާގެ "ކޭންސް ޓެކްނޮލޮޖީ" އިން ޖަޕާނުގެ ސެމީކޮންޑަކްޓަރ އެސެމްބްލީ މާކެޓަށް ވަންނަން ތައްޔާރުވެއްޖެއެވެ.

އިލެކްޓްރޯނިކްސް މެނުފެކްޗަރިންގގެ ޚިދުމަތް ފޯރުކޮށްދޭ އިންޑިއާގެ މި ކުންފުނިން ޖަޕާނުގެ މާކެޓަށް މިސްރާބު ޖަހާފައިވަނީ، އޮޓޯ ޗިޕް އުފައްދާ ފަރާތްތައް ހިމެނޭހެން އެ ޤައުމުގެ ޗިޕް އުފައްދާ ކުންފުނިތަކުން ސެމީކޮންޑަކްޓަރ އެސެމްބަލް ކުރުމުގެ އޯޑަރުތައް ހޯދުމުގެ ބޭނުމުގައެވެ. ކޭންސް އިން ރާވާފައިވަނީ މި ޗިޕްތަކުގެ ބެކް-އެންޑް ޕްރޮސެސިންގގެ ހުރިހާ މަސައްކަތެއް އިންޑިއާގެ ގުޖުރާތުގައި އެ ކުންފުނިން އަލަށް ބިނާކުރާ ޕްލާންޓުގައި ކުރިއަށް ގެންދިއުމަށެވެ.

ޗިޕް އުފެއްދުމުގެ ބެކް-އެންޑް ޕްރޮސެސިންގގެ ބޮޑުބައެއް މިހާތަނަށް ކުރަމުން އައިސްފައިވަނީ ޗައިނާ، ތައިވާން އަދި އިރުދެކުނު އޭޝިއާގެ ޤައުމުތަކުގައި ހުރި ޕްލާންޓްތަކުގައެވެ. އެހެންނަމަވެސް، ޗިޕް އުފެއްދުމުގެ މުޅިން އާ މަރުކަޒެއްގެ ގޮތުގައި އިންޑިއާ ކުރިއަރައިގެން އައުމަކީ، ސިޔާސީ އަދި އިޤުތިޞާދީ ގޮތުން ދުނިޔެއަށް ކުރިމަތިވެދާނެ ނުރައްކާތަކުން ރައްކާތެރިވެ، ވިޔަފާރީގެ ރިސްކުތައް ކުޑަކުރުމަށް ޖަޕާނުގެ ކުންފުނިތަކަށް ހުޅުވިގެންދާ ފަހި މަގެކެވެ. (ރޮއިޓަރސް)