14 ދުވަހަށް މާލޭ އޭރިޔާ ލޮކްޑައުންކޮށްފި
މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ) މަގުމައްޗަށް ނިކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން 14 ދުވަހުގެ މުއްދަތަށް މަނާކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ނެރުނު އެންގުމެއްގައި ބުނީ މި ހިނދުން ފެށިގެން 14 ދުވަހުގެ މުއްދަތަށް މާލެ ސަރަހައްދު، ހުޅުމާލެ، ވިލިމާާލެ، ތިލަފުށި ހިމެނޭހެން މީހުން ބޭރަށް ނުކުމެ އުޅުމާއި ދަތުރު ކުރުން މަނާވާނެ ކަމަށެވެ. މި ހާލަތުގައި ބޭރަށް ނުކުމެ އުޅެވޭނީ ހަމައެކަނި ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ) މަގުމައްޗަށް ނިކުމެ އުޅުމާއި އެއްގަމު އުޅނދުފަހަރު ދުއްވުން މަނާ ކުރުން، މިހިނދުން ފެށިގެން 14 ދުވަހުގެ މުއްދަތައް: pic.twitter.com/WFV2hEaV5z
— Health Protection Agency (@HPA_MV) April 17, 2020
މާލެއިން ކޮވިޑް 19 އަށް ޕޮސިޓިވް މީހަކު ފެނި އަދި ކޮންޓެކްޓް ވީ ދެމީހަކުވެސް ޕޮސިޓިވް ވުމާ ގުޅިގެން މާލެ ސިޓީ ލޮކްޑައުން ކުރީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އެއީ މާލޭގައި ކޮވޮޑް 19 ފެތުރުމުގެ ފުރުސަތު އޮތް ކަމަށް ނިންމައި އެލާޓް ލެވެލް ރަތަށް ބަދަލުކުރުމަށް ފަހު އެވެ. އެ ލޮކްޑައުން އިތުރު 14 ދުވަހަށް ދިގު ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
މާލެއިން ޕޮޒިޓިވްވެފައިވާ ފުރަތަމަ ތިން މީހުންނާ ކޮންޓެކްޓްވި މީހުން ޓްރޭސްކޮށް ޓެސްޓް ކުރުމަށް މިހާތަނަށް 22 ގެއެއް ލޮކްޑައުން ކޮށްފައިވެ އެވެ. އެއީ މާލެ ސިޓީއިންނާއި ހުޅުމާލޭގެ އިތުރުން ހއ. ވަށަފަރުން ގެއަކާއި ކ. ކާށިދޫއިން ގެއަކާއި އައްޑޫ ސިޓީއިން ގެއަކާއި ތ. މަޑިފުށިން ގެއެކެވެ.