އެއްމާބަނޑު 5 ދަރިންނަށް ބަނޑުބޮޑުވުމުން ޑޮކްޓަރުން ބުނީ ބައެއް ދަރިން ވައްޓާލަން
އުމުރުން 28 އަހަރުގެ މިއަންހެން މީހާއަކީ އިނގިރޭސި ވިލާތުގައި ދިރިއުޅެމުން އައި އަންހެނެކެވެ. ވަރަށް އުފަލުން ކައިވެންޏެއްގައި ދިރިއުޅެމުން އައި އަންހެނެކެވެ. ކުއްލިއަކަށް އެއްމާބަނޑު 5 ދަރިންނަށް ބަނޑުބޮޑުވުމަކީ އޭނާ ދުއް ގޮތުގައި އޭނާއަށް ލިބުނު ނިޢުމަތެކެވެ. އެހެންނަމަވެސް ޑޮކްޓަރުން އެންގީ އޭނައަށް ބައެއް ދަރިން ވައްޓާލުމަށެވެ.
އަންހެން މީހާއާއި އެ އަންހެން މީހާގެ ލޯބިވާ ފިރިމީހާ މިކަމަށް ހެދީ ދެކޮޅެވެ. ދިމާވި ކޮންމެ ޑޮކްޓަރެއްވެސް ދަރި ވައްޓާލަން ބުނި ކަމުގައި ވީނަމަވެސް މިދެމަފިރިން ދިޔައީ އެޑޮކްޓަރުންނަށް ނޫނެކޭ ބުނަމުންނެވެ. ހިތުގައި އެ ދަރިންނަށް އުފެދިފައިވާ ލޯތްބެއްގެ ބޮޑުކަމުންނާއި، އެއްވެސް ކުށެއްނެތް މައުސޫމް ފުރާނަތަކެއް އެގޮތަށް ދުއްވާލަން ބޭނުން ނުވާތީއެވެ.
މީގެ 20 އަހަރު ކުރިން މިދެމަފިރިންނަށް ދިމާވި މިހާދިސާގެ ވާހަކަ އެދެމަފިރިން ވެސް ހިއްސާކުރީ ފަޚުރުވެރި ކަމާއިއެކުގައެވެ. އެެއްމާބަނޑު 5 ދަރިންގެ އުމުރުން މިއަދު 20 އަހަރުވީއެވެ. ހުރިހާ ދަރިންވެސް ވަނީ މަތީތަޢުލީމު ހާސިލުކޮށް ރަނގަޅު ނަތީޖާއަކުން ފާސްވެސް ވެފައެވެ. އަދި މީގެން 3 ކުދިންނަކީ އިނގިރޭސި ވިލާތުގެ ސިފައިންގެ ތެރޭގައި މަސައްކަތް ކުރާ 3 ދަރިންނެވެ. އަދި އަނެއް 2 ދަރިންނަކީ ހޮސްޕިޓަލުގައި މަސައްކަތް ކުރާ 2 ދަރިންނެވެ.
މިވާހަކަތައް ހިއްސާ ކުރަމުން އެ ހިތްވަރުގަދަ މަންމަ ބުނެފައި ވަނީ އެދުވަހު އޭނަ އެ 5 ފުރާނަ ސަލާމަތް ކުރި ކަމަށާއި އަދި އެ ނިންމުމަކީ އޭނާއަށް ނިންމުނު އެންމެ ރަނގަޅު ނިންމުން ކަމަށެވެ. މިއަދު އެ 5 ދަރިން ވެސް އެ ވަނީ ގައުމަށް ޚިދުމަތް ކުރުމުގައި ނުކުމެފައެވެ. މިވާހަކަ އަޑުއަހާފަ ކޮންމެ މީހަކުވެސް އެ މަންމައާއި ބައްޕަ އާއި ދޭތެރޭ ފަޚުރުވެރި ވާނެކަން ޔަގީނެވެ.