މާލެއިން 10 ވަނަ މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެ
މާލެއިން 10 ވަނަ މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ ކޮވިޑް-19 އަށް ފައްސިވި ދިވެއްސެއް(ކޭސް:27) ގެ ޑައިރެކްޓް ކޮންޓެކްޓެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނިގެން، ހެދި ޓެސްޓުގެ ނަތީޖާވަނީ ފައްސިވެފައިވާ ކަމަށެވެ.
މިއީ، މާލެއިން މި ބައްޔަށް ފައްސިވި ދިހަވަނަ މީހާއެވެ. މި މީހާ އައިސޮލޭޝަން ފެސިލިޓީއެކަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރެވެމުން ދާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ކޭސް 30#ކޯވިޑް19 އަށް ޕޮޒިޓިވް ވި ދިވެއްސެއް (ކޭސް:27) ގެ ޑައިރެކްޓް ކޮންޓެކްޓެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނި، ހެދި ޓެސްޓުގެ ނަތީޖާވަނީ ޕޮޒިޓިވް ވެފައި.
— Health Protection Agency (@HPA_MV) April 18, 2020
މާލެއިން 10 މީހަކު ކޮވިޑަށް ފައްސި ވެފައިވާއިރު، ރާއްޖެއިން މި ބައްޔަށް ފައްސިވި ޖުމްލަ މީހުންގެ އަދަދު މިހާރު ވަނީ 30އަށް އަރާފައެވެ. މީގެތެރެއިން 16 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
މާލެއިން މިދިޔަ ބުދަ ދުވަހު ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް މީހަކު ފައްސިވުމާ ގުޅިގެން، ފާއިތުވި ދެ ދުވަހު މާލެ ސަރަހައްދު އޮތީ 24 ގަޑިއިރުގެ ލޮކްޑައުންގެ ހާލަތުގައެވެ. ނަމަވެސް އެ މުއްދަތު 14 ދުވަހަށް އިތުރުކުރަން އެޗްޕީއޭ އިން ވަނީ ނިންމާފައެވެ.
އަދި އިއްޔެ ހަވީރު 6:00 އިން ފެށިގެން ޒަރޫރީ ބޭނުމެއް ނެތި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލަން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވަނީ އަންގަވާފައެވެ.