މާލެއިން ފައްސިވި މީހުންގެ ތެރޭގައި މާބަނޑު މީހެއް ހިމެނޭ: ސަރުކާރު
މާލެއިން ފައްސިވި 14 މީހުންގެ ތެރޭގައި މާބަނޑު މީހެއް ހިމެނޭ ކަމަށް ސަރުކާރު ބުނެފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ފައްސިވި ގޮތަށް ބަލާއިރު ތިން ކްލަސްޓާއެއް އެބަ އުޅޭ ކަމަށާއި އޭގެ ތެރޭގައި މާބަނޑު އަންހެނެއްގެ އިތުރުން ތިން ކުޑަ ކުދިން ވެސް ހިމެނޭ ކަމަށެވެ.
ނަމަވެސް ކޮވިޑަށް ފައްސިވި މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ އެއްވެސް މީހަކު ނުހިމެނޭކަން މަބްރޫކް ފާހަގަކުރެއްވިއެވެ.
މަބްރޫކު ވިދާޅުވީ، މާބޮޑު އަންހެނާގެ ހާލު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި ފައްސިވި އެންމެގެ ހާލުވެސް ރަނގަޅު ކަމަށް މަބްރޫކު ވިދާޅުވިއެވެ.
މާލެއިން 15 މީހަކު ކޮވިޑަށް ފައްސި ވެފައިވާއިރު، ރާއްޖެއިން މި ބައްޔަށް ފައްސިވި ޖުމްލަ މީހުންގެ އަދަދު މިހާރު ވަނީ 35 އަށް އަރާފައެވެ. މީގެތެރެއިން 16 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
މާލެއިން މިދިޔަ ބުދަ ދުވަހު ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް މީހަކު ފައްސިވުމާ ގުޅިގެން، ފާއިތުވި ދެ ދުވަހު މާލެ ސަރަހައްދު އޮތީ 24 ގަޑިއިރުގެ ލޮކްޑައުންގެ ހާލަތުގައެވެ. ނަމަވެސް އެ މުއްދަތު 14 ދުވަހަށް އިތުރުކުރަން އެޗްޕީއޭ އިން ވަނީ ނިންމާފައެވެ.
އަދި އިއްޔެ ހަވީރު 6:00 އިން ފެށިގެން ޒަރޫރީ ބޭނުމެއް ނެތި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލަން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވަނީ އަންގަވާފައެވެ.