ރައީސް ނަޝީދު މިހާރު ދައްކަވަނީ ބުއްދި ހަމަނުޖެހޭ ވާހަކަ: ޑރ. ޖަމީލު

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަށް އިންސާފު ނުލިބުމުގެ އެންމެ ބޮޑު ސަބަބަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ނުފޫޒު އޮތް ޖުޑީޝަލް ސާވިސް ކޮމިޝަނެއް އޮތުން ކަމަށް ކުރީގެ ނައިބު ރައީސް މުޙައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލު މިހެން ވިދާޅުވީ، ރައީސް ޔާމީން އެންމެ ބޭނުންފުޅުވާނެ އެއްކަމަކީ ރައީސް ނަޝީދު ޖޭއެސްސީ ގައި އިނުން ކަމުގައި މިއަދު މަޖިލިސް ރައީސް ވިދާޅުވުމާއި ގުޅިގެންނެވެ.
މިކަމާއި ގުޅިގެން ޑރ. ޖަމީލު ވިދާޅުވީ ރައީސް ނަޝީދު މިހާރު ދައްކަވަނީ ބުއްދި ހަމަނުޖެހޭ ވާހަކަ ކަމަށާއި ރައީސް ޔާމީނަށް އިންސާފު ނުލިބުމުގެ ސަބަބަކީ ކުރީގެ ރައީސް ނަޝީދު އާއި ސަރުކާރުގެ ނުފޫޒް އޮތް ޖޭއެސްސީއެއް އޮތުން ކަމަށް ރައީސް ޔާމީން ދެކިވަޑައިގަންނަވާ ކަމަށެވެ.
ޖޭއެސްސީން ވަނީ ފާޅުގައި ރައީސް ޔާމީންގެ ޝަކުވާތަކަށް ހުރަސް އަޅުއްވާފައި ކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވިއެވެ.
ޑރ. ޖަމީލު މިހެން ވިދާޅުވެފައިވާއިރު ރައީސް ނަޝީދު މިއަދު ވިދާޅުވީ ޖޭއެސްސީގައި އިންނަވައިގެން ކުރައްވާ ހުރިހާ މަސައްކަތެއް ވެސް ކުރައްވާނީ އިންސާފުވެރިކަމާއި، މަދަދުވެރިކަމާއެކު ކަމަށެވެ.