ޚަބަރު

އޮންލައިން ވިޔަފީތަކަށް ހުރި ހުރަސްތައް ނައްތާލެވޭނީ ޑޮލަރު މާރުކުރާ މިންވަރު އިތުރުކޮށްގެން: ރައީސް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު / ފޮޓޯ: ރައީސް އޮފީސް

ފަތުރުވެރިކަމުގެ ދާއިރާއިން ބޭންކުތަކަށް މާރުކުރަންޖެހޭ ޑޮލަރުގެ އަދަދު މަތިކުރުމަށް ގެނައި ބަދަލާ އެކު، އާންމު ރައްޔިތުން އޮންލައިންކޮށް ވިޔަފާރިކުރުމުގައި މިހާރު ތަހައްމަލުކުރަމުންދާ ދަތިތަކަށް ފުރިހަމަ ހައްލެއް ލިބިގެންދާނެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މާލީ ނިޒާމުގެ ތެރޭގައި ބޭރު ފައިސާ ދައުރުވާ މިންވަރު އިތުރުކުރުމުގެ މަގުސަދުގައި، ސަރުކާރުން ވަނީ ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރުން ލާޒިމުކޮށްފައެވެ. ކުރިން 20 އިންސައްތައިގައި އޮތް މި މިންވަރު ދެގުނައަށް ބޮޑުކުރުމަށް ސަރުކާރު ހިންގާ ޕާޓީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު، ރައީސް ތަސްދީގު ކުރެއްވީ މިދިޔަ ހޯމަ ދުވަހުއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ލިބޭ ޑޮލަރަށްވުރެ ޑިމާންޑު ބޮޑުވުމުގެ ސަބަބުން، އެ ބޭންކުން ވަނީ މިދިޔަ މެއި މަހުން ފެށިގެން އޮންލައިން ޕްލެޓްފޯމްތަކުން ވިޔަފާރިކުރެވޭނެ ވަކި ލިމިޓުތަކެއް ކަނޑައަޅާފައެވެ. ޚާއްސަކޮށް ޓީމޫ އަދި ޝެއިން ފަދަ ވެބްސައިޓުތަކުން މުދާ ގަންނަ ފަރާތްތަކަށް މިކަމުގެ ސަބަބުން ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާން ޖެހި، މީސްމީޑިއާގައި ގިނަ ބައެއްގެ ޝަކުވާތައް ވަނީ އަމާޒުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ގާނޫނުތަކަށް މިފަދަ އިސްލާހުތައް ގެންނަނީ ސީދާ ރައްޔިތުންނަށް ދިމާވެފައިވާ މިފަދަ މައްސަލަތައް ހައްލުކުރުމަށް ކަމަށެވެ. އަދި އޮންލައިން މުއާމަލާތްތަކާ ގުޅިގެން އަންނަ ޝަކުވާތައް އެމަނިކުފާނަށް ވެސް ލިބިވަޑައިގަންނަވާކަން ފާހަގަކުރައްވައި ވިދާޅުވީ، މިކަމަށް ވަގުތުން ވަގުތަށް ނަތީޖާ ނުފެނުނު ކަމުގައި ވިޔަސް، ގާނޫނު ތަންފީޒުކުރެވެން ފެށުމާ އެކު ވީއެންމެ އަވަހަކަށް މައްސަލައަށް ނިމުމެއް އަންނާނެ ކަމަށެވެ.

ފަތުރުވެރިކަމުގެ ސިނާއަތުން 40 އިންސައްތަ ޑޮލަރު މާރުކުރުމަށް ސަރުކާރުން ނިންމި ނިންމުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ކަމެއް ނޫންކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުންނާއި އެ ސިނާއަތުގެ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!