ޚަބަރު

އިންޖިނިއަރިންގެ ރޮނގުން ޚިދުމަތުގެ ޝަރަފުވެރި އެވޯޑު ތިން ބޭފުޅަކަށް ދެއްވައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
އިންޖިނިއަރިންގެ ރޮނގުން ޚިދުމަތުގެ ޝަރަފުވެރި އެވޯޑު ތިން ބޭފުޅަކަށް / ފޮޓޯ: އެމްއެމް

ދިވެހިރާއްޖޭގެ އިންޖިނިއަރިންގެ ދާއިރާއަށް ގިނަ ދުވަސްތަކެއް ވަންދެން އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ތިން ބޭފުޅެއްގެ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެ ބޭފުޅުންނަށް 'އިންޖިނިއަރސް އެވޯޑްސް' ހަފުލާގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ރޭ އަރުވައިފިއެވެ.

މި ހާއްސަ ރަސްމިއްޔާތުގައި މި ޝަރަފުވެރި އިނާމު ހާސިލުކުރައްވާފައި ވަނީ، ސްޓެލްކޯގެ ހިންގުމުގައި އިސް ދައުރެއް އަދާކުރެއްވި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުއްޝަކޫރު ސާލިހާއި، އެ ކުންފުނީގެ ޗެއާމަންކަމާއި ސީއީއޯކަން ކުރެއްވި މަރުހޫމް މުހައްމަދު ރަޝީދުގެ އިތުރުން، އޭވިއޭޝަން އަދި އިންޖިނިއަރިން ދާއިރާގައި ފާހަގަކޮށްލެވޭ މަރުހޫމް އަހުމަދު މަހްރީނެވެ.

ކަރަންޓުގެ ހިދުމަތް ރާއްޖޭގައި ފުޅާކުރުމަށް ގާތްގަނޑަކަށް ފަންސާހަކަށް އަހަރު ހޭދަކުރައްވާފައިވާ އަބްދުއްޝަކޫރަކީ، މެކޭނިކަލް އިންޖިނިއަރިންގެ ރޮނގުން އުމްރާނީ ވަސީލަތްތައް ގާއިމުކުރުމުގައި މުހިންމު މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ހަމައެއާ އެކު، ސްޓެލްކޯގެ ތާރީހުގައި އެންމެ ފާހަގަކޮށްލެވޭ އެއް ހިދުމަތްތެރިޔާ ކަމަށްވާ މަރުހޫމް މުހައްމަދު ރަޝީދު ވެސް ވަނީ ގައުމީ ކަރަންޓު ކުންފުނީގެ ކުރިއެރުމަށާއި އާންމު ހިދުމަތަށް ބައި ގަރުނުގެ މުއްދަތަކަށް އަގުނުކުރެވޭފަދަ ހިއްސާތަކެއް ވެވަޑައިގެންފައެވެ.

މީގެ އިތުރުން، މި އެވޯޑު ލިބިވަޑައިގަތް މަރުހޫމް އަހުމަދު މަހްރީނަކީ ވައިގެ އުދުހުންތަކާއި އިންޖިނިއަރިންގެ މަސައްކަތްތަކުގައި ސާޅީހަށްވުރެ ގިނަ އަހަރު ހޭދަކުރައްވާފައިވާ ތަޖުރިބާކާރެކެވެ. ރީޖަނަލް އެއާޕޯޓްސްގެ އިސް މަގާމުތަކެއް ފުރުއްވައި، ރާއްޖޭގެ ބޮޑެތި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކާމިޔާބުކަމާ އެކު ހިންގުމުގައި އޭނާވަނީ ވަރަށް މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!