ޚަބަރު

"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް"ގެ ނަމުގައި އައު ކުންފުންޏެއް އުފައްދަވައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު / ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ އައު ކުންފުންޏެއް ވުޖޫދަށް ގެންނަވައިފިއެވެ.

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދީނީ ކަންކަމަށް ހޭދަކުރުމަށާއި ވަޤުފުތައް ބިނާކޮށް ބެލެހެއްޓުމުގެ މަޤުޞަދުގައި، ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނުން ލިބިދީފައިވާ ބާރުގެ ދަށުން ނެރުއްވި ޚާއްޞަ ޤަރާރަކުން (ނަންބަރު 2026/14) އުފެއްދެވި މި ކުންފުންޏަކީ ސައްތައިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި، މި ކުންފުނީގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި އިސްލާމީ ޝަރީޢަތާ އެއްގޮތްވާ ގޮތުގެމަތިން ދެމެހެއްޓެނިވި ގޮތެއްގައި ފައިދާހުރި ވިޔަފާރިތައް ހިންގުން ހިމެނެއެވެ.

މީގެ އިތުރުން، މުޅި ރާއްޖޭގައި އައު މިސްކިތްތައް ބިނާކުރުމާއި، މިހާރު ހުރި މިސްކިތްތައް މަރާމާތުކޮށް އާބާތުރަފިލުވުމުގެ އިތުރުން، އެ ތަންތަނަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ފުރިހަމަކޮށްދީ ތަރައްޤީކުރުން ވެސް މި ކުންފުނީގެ މެންޑޭޓުގެ ތެރޭގައި ވަނީ ހިމަނާފައެވެ. އަދި ދައުލަތުގެ ސިޔާސަތުތަކާ އެއްގޮތަށް ވަޤުފުތައް އާލާކުރުމަކީ ވެސް މި ކުންފުނީގެ މުހިންމު އަމާޒެކެވެ.

އިސްލާމްދީނާއި ގުޅުންހުރި ކަންކަން ކުރިއެރުވުމަށާއި ވަޤުފުގެ ނިޒާމު ހަރުދަނާކޮށް ފުޅާކުރުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ނުހަނު ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާ ދާއިރާއެކެވެ. މިގޮތުން، މި ދާއިރާ އިތުރަށް ހަރުދަނާކުރުމަށްޓަކައި ބޮޑެތި މަޝްރޫޢުތަކެއް މިހާރު ވެސް ދަނީ ތަންފީޒުކުރެވެމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!