ދުނިޔެ

މި އަންހެން މީހާ ވިހެއީ އިމްތިހާނުގެ މެދުތެރޭގައި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ކޮލެޖުތަކާއި ސުކޫލުތަކުގެ އެންމެ ފަހުގެ އިމްތިހާނަށް ކުރާ މަސައްކަތަކީ ވަރަށް ބުރަ މަސައްކަތެކެވެ. އެހާ ފޯރިއާއިއެކު ކުރާ މަސައްކަތެކެވެ. ބައެއް މީހުންނަކީ އިމްތިހާނު ހަދަން އޮންނަ ދުވަސް ނޫން އަނެއް ދުވަހު އެކަމާމެދު ވިސްނާ ފިކުރުކޮށް ނުވެސް ނިދާ މީހުނެވެ. އަދި ބައެއް މީހުނަކީ އެކަމާ ދޭތެރޭ ވިސްނައި ބައެއް ފަހަރު އެކަމާ ގުޅިގެން ބަލި ވެސް ވާ މީހުންނެވެ. މިއަންހެން މީހާއަކީ ބަނޑުބޮޑުވެގެން ހުރެ ހެދި އިމްތިހާނެއްގެ ތެރެއިން ވިހުމަށްފަހު އަނެއްކާވެސް އިމްތިހާނު ކުރިއަށް ގެންދިޔަ އަންހެނެކެވެ.

Ads by Sosun Fihaara

ދުވަސްވަރަކީ ކޮވިޑު-19 މުޅި ދުނިޔޭގައި ފެތުރިފައިވާ ދުވަސްވަރެއް ކަމުން، ހުރިހާ ކޮލެޖެއްގައި ވެސް އިމްތިހާނުތައް ހަދަނީ ކޮމްޕިއުޓަރ ބޭނުން ކޮށްގެން ގޭގައެވެ. އެހެން ނަމަވެސް ވީޑިއޯ ޖައްސައިގެންނެވެ. އެގޮތުން މި އަންހެން މީހާ އިމްތިހާނު ހަދަމުން ދިޔަ ވަގުތު ކޮންމެވެސް ވަރަކަށް ބަނޑަށް ތަދުވާން ފެށިކަމަށް ބޭރުގެ މީޑިއާތަކަށް މިއަންހެން މީހާ މައުލޫމާތު ދީފައިވެއެވެ.

އިމްތިހާނުގެ ވަކި ހިސާބަކަށް ދިޔަތަނާހެން އޭނަ ވިހަންވި ވަގުތު އައިސް ޖެހިއްޖެކަން އޭނާއަށް އެނގުނެވެ. އެހެންކަމުން އިމްތިހާނުގެ ފުރަތަމަ ބައި ވަރަށް މަސައްކަތުން ނިންމާލުމަށްފަހު ކުޑަ ހުސްވަގުތުކޮޅެއް ނެގީއެވެ. އެއަށްފަހު ފިރިމީހާއަށާއި އާއިލާގެ އެހެންމީހުންގެ އެހީއާއިއެކު ދިޔައީ ހޮސްޕިޓަލަށެވެ. ހޮސްޕިޓަލަށް ދިޔަ މަގުމަތީގައި ވެސް އޭނާ ވިސްނަމުން ދިޔައީ އިމްތިހާނު ހެދޭނެ ގޮތަކާއި ދޭތެރޭގައެވެ.

ހޮސްޕިޓަލަށް ގެންދިޔަތާ މާގިނައިރުތަކެއް ނުވަނީސް އެއަންހެންމީހާ ވިހައިފިއެވެ. ކުއްޖާއާއި މަންމަގެ ހާލުވެސް ރަނގަޅެވެ. އެއަށް ފަހު އޭނާ ބޭނުންވީ ބާކީ އޮތް ވަގުތުތަކުގައި ވެސް އިމްތިހާނު ހެދުމަށެވެ. އެގޮތުން އެ އަންހެންމީހާގެ ފިރިމީހާ ބެލީ މިކަމުގައި އޭނައަށް ވެދެވޭނެ އެހީއެއް އޮތްތޯއެވެ. މިކަމާ ބެހޭގޮތުން އެ ހޮސްޕިޓަލުގެ ނަރުހުންނާއި ވާހަކަވެސް ދެއްކިއެވެ.

ނަސީބު ކަންދިމާކުރި ގޮތުން ނަރުހުން ވަނީ އެ އަންހެން މީހާއަށް އެކަން ކުރެވޭ ގޮތް ހަދައިދީފައެވެ. ހޮސްޕިޓަލުގެ ޕްރައިވެޓް ކޮޓަރިއެއްގައި ކޮމްޕިއުޓަރެއް ބެހެއްޓުމަށްފަހު އެ ކޮޓަރީގެ ތަޅުގައި "ޑޫ ނޮޓް ޑިސްޓާބް" ޖެހުމަށްފަހު އެ އަންހެން މީހާއަށް އެ އިމްތިހާނު ފުރިހަމަ ކުރުމުގެ މަގު ތަނަވަސް ކޮށްދިނެވެ. ބޭރުގެ މީޑިއާތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އިމްތިހާނު ހަދަމުން ދިޔަ ވަގުތުތަކުގައި ކުޑަ ދަރިފުޅަށް ބޭނުންވާ ޒަރޫރީ ކަންކަންވެސް ކުރެވުނު ކަމަށް މި އަންހެން މީހާ މައުލޫމާތު ދީފައިވެއެވެ.

މި އަންހެންމީހާގެ އިމްތިހާނުގެ ނަތީޖާ އަދި ނުލިބެއެވެ. އެހެންނަމަވެސް މިވާހަކަ ބޭރުގެ މީޑިއާތަކުން އާންމު ކުރިހިސާބުން މި އަންހެން މީހާ ކިޔަވަމުން ގެންދިޔަ ދާއިރާއިން ވަޒީފާގެ ފުރުސަތުތައް ލިބެމުން ދާކަމަށްވެސް މީޑިއާތަކުން މައުލޫމާތު ލިބެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!