ޚަބަރު

އުޅަނދުތައް ނައްތާލުމުގެ މަސައްކަތް ކުރިއަށްދަނީ ޤަވާއިދާ އެއްގޮތަށް: ފުލުހުން

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ދިވެހި ފުލުހުންގެ ޚިދުމަތް

ޕިކަޕަކުން ސައިކަލެއް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއަކާ ގުޅިގެން މީސްމީޑިއާގައި އާންމުންގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް، އެއީ ޓޯކުރުމަށް ފަހު ވެރިފަރާތުން ހަވާލުނުވުމުން ގާނޫނީ އިޖުރާއަތްތައް ފުރިހަމަކޮށް ނައްތާލުމަށް ގެންދިޔަ އުޅަނދެއް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ ފުލުހުންގެ ޓޯޔާޑުގައި ހިނގި މި ހާދިސާގެ ވީޑިއޯ މީސްމީޑިއާގައި އާންމުވުމާ އެކު ގިނަ ބަޔަކު ވަނީ ފުލުހުންނަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. ނަމަވެސް، ފުލުހުން ނެރުނު ބަޔާނެއްގައި ކަށަވަރުކޮށްދީފައި ވަނީ އެ މަންޒަރަކީ ތިލަފުއްޓަށް ގެންގޮސް ކުނީގެ ގޮތުގައި ނައްތާލުމަށްޓަކައި، އެފަދަ އުޅަނދުތައް އެއްތަނަކަށް ޖަމާކުރުމުގެ ތެރެއިން ފެނިގެންދިޔަ މަންޒަރެއް ކަމަށެވެ. އަދި އެއީ އިދާރީގޮތުންނާއި ގާނޫނީގޮތުން ނިންމަންޖެހޭ އެންމެހާ ކަންކަން ނިންމުމަށް ފަހު ރަސްމީކޮށް ހުއްދަ ލިބިގެން ކޮށްފައިވާ ކަމެއްކަން ވެސް ފުލުހުން ފާހަގަކުރިއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އުޅަނދުތަކާމެދު އަމަލުކުރާ އުސޫލުގެ ދަށުން، ވެރިފަރާތަށް އުޅަނދު ދޫކުރާ މުއްދަތު ހަމަވުމުން، އެ ތަކެއްޗާ ހަވާލުވުމަށް 60 ދުވަހުގެ މުހުލަތެއް ދީ އާންމުކޮށް އިއުލާނުކުރެއެވެ. މިގޮތަށް އިއުލާނުކުރުމަށް ފަހު ވެސް ވެރިފަރާތުން ހަވާލުނުވެއްޖެ ނަމަ، އެ އުޅަނދެއް ނައްތާލުމުގެ ނުވަތަ ނީލަމުގައި ވިއްކާލުމުގެ ފުރިހަމަ އިޚުތިޔާރު ގަވާއިދުގެ ތެރެއިން ފުލުހުންނަށް ލިބިގެންވެއެވެ.

އަދި އެފަދަ ހާލަތްތަކުގައި އެ އުޅަނދެއްގެ ރަޖިސްޓްރީ ބާތިލުކުރުމަށް ފުލުހުން ހުށަހަޅާނެއެވެ. އެ ހިސާބުން، ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި ކަމާބެހޭ ވުޒާރާއިން އެ އުޅަނދެއްގެ ރަޖިސްޓްރީ ބާތިލުކުރަންޖެހޭނެކަމަށް ކަނޑައަޅާފައިވާކަން ފުލުހުންގެ މުއައްސަސާއިން ވަނީ ހާމަކޮށްފައެވެ.