އިންޑިއާ ދެ މީހަކު މާލެއިން ފައްސި ވެއްޖެ
އިންޑިއާ ދެ މީހަކު މާލެއިން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އިން ބުނީ އިންޑިއާ ދެމީހެއްގެ ސާމްޕަލް ނަގާ ޓެސްޓް ކުރިއިރު ބައްޔަށް ފައްސިވެފައިވާ ކަމަށެވެ. އެމީހުންނަކީ މާލެއިން ފައްސިވި ކޭސް 28 އާ ގުޅުން ހުރި ކޮންޓެކްސްޓްސް ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ. އެމީހުންގެ ކިބައިގައި ބަލީގެ އެއްވެސް އަލާމާތެއް ފެންނަން ނެތް ކަމަށްވެސް ވިދާޅުވި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ފައްސިވި އިންޑިއާގެ ދެމީހުންނަކީ ބްރައިޓް ބްރަދާސްގައި މަސައްކަތް ކުރާ އޭސީ މަރާމާތު ކުރުމުގެ ހިދުމަތް ދޭ ދެ ޓެކްނީޝަނުން ކަމަށެވެ. އެ ދެމީހުން ބައެއް ގޭގޭގެ އޭސީ ސާވިސް ކުރުމަށް ގޮސްފައިވާ ކަމަށް ނަޒްލާ ވިދާޅުވި އެވެ. އެކަމާ ގުޅިގެން އެމީހުން ދިޔަ ބައެއް ގޭގެ މިހާރު ހޯދިފައިވާ ކަމަށާއި އަދި ބައެއް ގޭގެ ދެނެގަންނަން މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އިންޑިއާ ދެމީހުންނާއެކު މާލެއިން މިއަދު އެކަނި 16 މީހަކު ވަނީ ފައްސިވެފަ އެވެ. އޭގެ ތެރޭގައި ދެން ހިމެނެނީ ބަންގްލަދޭޝްގެ 14 މީހެކެވެ. އެ ހުރިހާ ކޭސްއެއްގެވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އެޗްޕީއޭއިން ވަނީ ފަށާފަ އެވެ. މިހާރު ރާއްޖެއިން މީހުން ފައްސިވި އަދަދު 51 އަށް އަރައިފި އެވެ.