މަހުލޫފު އާއެކު ރައީސް ޔާމީނުގެ ލޯޔަރު ވެސް ޑެލިވެރީއަށް
ލޮކްޑައުންގެ ހާލަތުގައި މާލޭގައި އާންމުނަށް ކާބޯތަކެތި ޑެލިވަރީ ކުރުމުގައި ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް ކުރައްވަމުން އަންނަ މަސައްކަތުގައި ރައީސް ޔާމީނުގެ ލޯޔަރު އާދަމް ޝަމީމް އާއި މާލެ ސިޓީ ކުރީގެ ކައުންސިލް މެންބަރު ރިޝްވާން ބައިވެރިއްޖެއެވެ.
މިކަން މިނިސްޓަރުގެ ފޭސްބުކު ޕޭޖުގައި ހާމަކޮށްފައިވާއިރު ގިނަ ބަޔަކު ވަނީ ސިޔާސީ ހިޔާލުތައް އެއް ފަރާތްކޮށް އެ ޓީމުން ކުރަމުން އަންނަ މަސައްކަތަށް ޝުކުރު އަދާކޮށް ތައުރީފުކޮށްފައެވެ.
މިއަދު މިނިސްޓަރާއި ދަރުމަވެރިންގެ ޓީމުން މަސައްކަތް ކުރަންމުންގެންދަނީ އެންޒީގެ ޑެލިވެރީތަކުގައެވެ.
ކޮވިޑް19 އާއި ގުޅިގެން މާލޭގައި އިއުލާނު ކޮށްފައިވާ ލޮކްޑައުން ގައި ފިހާރަތަކުން ޑެލިވަރީގެ ޚިދުމަތް ކުރިއަށް ގެންދިޔަ ނަމަވެސް އޯޑަރު ގިނަވެ، މުވައްޒަފުން މަދުވުމާ ގުޅިގެން ސަލާމަތީ ޚިދުމަތްތަކުން ވެސް ވަނީ ޑެލިވަރީގައިބައިވެރިވެފައެވެ. އަދި މީގެ އިތުރުން ވެސް މިކަމަށް ދަރުމައަށް މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މިނިސްތަރު މަހުލޫފު އިއްޔެ ވީބީ މާޓުގެ މުވައްޒަފުންނާ އެކު ވީބީގެ ޑެލިވަރީތަކަށް ނިކުމެ ވަޑައިގަތް އިރު ގިނަ ބައެއްގެ ތައުރީފު އަމާޒުވެގެންދިޔައެވެ.
ަނަމަވެސް ދިވެހި ފިލްމީ ތަރި، އަބްދުﷲ މުއާޒު (މުއާ) ވަނީ މިކަމަކީ މިނިސްޓަރު މަހްލޫފް އާންމުންގެ ސަމާލުކަން ހޯދަން ކުރެއްވި ކަމެއް ކަމަށް ބުނެ މިނިސްޓަރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. މުއާ ފޭސްބުކުގައި ހިއްސާކުރި މި ޕޯސްޓާއެކު ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އޭނާއަށް އަމާޒުވެގެންދިޔައެވެ.
އެގޮތުން ބައެއް މީހުންވަނީ މި ދަނޑިވަޅަކީ ފިތުނަ އާއި ބައިބައިވުން އުފައްދަން އެންމެ ރަނގަޅު ނޫން ވަގުތު ކަމަށް ބުނެފައެވެ. އަދި ޑެލިވަރީގެ ހިދުމަތް ލަސްވެ އާންމުންގެ އެތައް ކަންބޮޑުވުންތަކެއް ހުރިއިރު އެކަން އަވަސް ކުރުމަށްޓަކައި މިނިސްޓަރު ކުރެއްވި މަސައްކަތަށް ގިނަ ބަޔަކު ވަނީ ޝުކުރު އަދާކޮށްފައެވެ.