ފައްސިވި މީހުންނާ ކޮންޓެކްޓްވި މީހުންގެ އަދަދު 468 އަށް
ކޮވިޑް-19 އަށް ފައްސިވި މީހުންނާ ކޮންޓެކްޓްވި 468 މީހެއް މިހާތަނަށް ހޯދިފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗްޕީއޭ ގެ މެޑިކަލް އޮފިސަރ ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ކޭސް 35 އާއި ގުޅިގެން ހޯދުނު 45 ކޮންޓެކްޓާއި، ކޭސް 36 ގެ ކޮންޓެކްޓުން ގެ ތެރެއިން ހަތަރު މީހަކު އޭނާއާ އެކުގައި ތިބި ކަމަށާއި ނަމަވެސް އެ ކޭސްގައި ވެސް 200 އެއްހާ މީހުން ބަަލައި ތަފްސީލު ހޯދަން ޖެހޭ ކަމަށް ޑރ. ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް މިއަދު ފައްސިވި 13 ބިދޭސީންނާ ބައްދަލުވި 68 މީހަކު މިހާތަނަށް ހޯދިފައިވާ ކަމަށެވެ. އަދި ބަލި ޖެހުނު އިންޑިއާ ދެ މީހުންނާ ވެސް ގުޅުން ހުރި 50 މީހަކު ދެނެގަނެވިފައިވާ ކަމަށެވެ.
މީގެ އިތުރުން ހއ. އުލިގަމުން މިއަދު ފައްސިވި މީހާގެ ޑައިރެކްޓް ކޮންޓެކްޓްސްގެ ގޮތުގައި 131 މީހަކު ފާހަގަ ވެފައިވާ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.
މާލެއިން ވައިރަހަށް ފައްސި ވި މީހުންގެ އަދަދު 31 އެކަކަށް އަރާފައިވާއިރު ރާއްޖެއިން ބައްޔަށް ފައްސިވި މީހުންގެ އަދަދު ވަނީ 52 އަކަށް އަރާފައެވެ.