ޖަލުގައި އިނދެ ވިހެއި އަންހެނަކު ދަރިފުޅާ ވަކިކުރިފަހުން، ދެން ބައްދަލުކުރަން ޖެހުނީ ފުރާނަ ނެތް މަސްގަނޑާ

މެނީލާ، ފިލިޕީންސް: ފިލިޕީންސްގެ ޖަލެއްގައި ވިހެއި އަންހެނެއްގެ ދަރިފުޅު މަރުވެއްޖެއެވެ.
ބޭރުގެ މީޑިއާތައް ރިޕޯޓްކޮށްފައިވާ ގޮތުގައި ފިލިޕީންސްގެ ސިޔާސީ އެކްޓިވިސްޓެއް ކަމަށްވާ ރެއިނާ ނަސީނޯ ޖަލުގައި ވިހެއީ މިދިޔަ ޖުލައި މަހު އެވެ. އަދި ވިހާ ގަދަވުމުން ޖަލުގެ އޮފިސަރުން ވަނީ އޭނާއާ ތުއްތު ކުއްޖާ ވަކިކޮށް މިދިޔަ އޮގަސްޓްމަހު ، ކުއްޖާ ، މަންމަގެ އާއިލާއާ ހަވާލު ކޮށްފައެވެ.

ނަމަވެސް ޖެހިގެން އައި މަހު ކުއްޖާ ވަނީ ވަރަށް ބޮޑަށް ބަލިވެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައެވެ. އެކުއްޖާ މަރުވީ މިދިޔަ ހުކުރު ދުވަހުއެވެ.

ކުއްޖާގެ މަރާ ގުޅިގެން ފިލިޕީންސްގެ ކޯޓަކުން ވަނީ ރެއިނާއަށް ތިން ދުވަހުގެ ރިލީސެއް ދީފައެވެ. އެގޮތުގެ މަތިން ޖަލުގެ އޮފިސަރުން ވަނީ ކުއްޖާގެ ޖަނާޒާއަށް ރެއިނާ ގެންގޮސްފައެވެ. ކޮވިޑް19 ގެ ސަބަބުން ރައްކާތެރިކަމުގެ ކިޓް އަޅައިގެން ރެއިނާ ޖަނާޒާއަށް ގެންދިޔައިރު ވެސް އޭނާ ހުރީ ބިޑި އަޅުވާފައެވެ.

ޖަނާޒާގައި ބައިވެރިވެ ސަންދޯކުގައި އޮތް ކުއްޖާއާ މުޚާތަބުކޮށް އޭނާ ވަނީ ހިތާމަ ފާޅުކޮށްފައެވެ، ރެއިނާ ބުނެފައި ވަނީ މިއީ މި ތަޖުރިބާ ކުރަންޖެހޭ އެންމެ ފަހު މައިމީހާކަމަށް ވުން އެދޭ ކަމަށާއި ދެމައިން އެކުގައި ވުމަށް ލިބުނު ފުރުސަތު ނަގާލެވުނު ކަމަށެވެ. އަދި ދަރިފުޅު ވަކިވެގެން ދިޔައީ އެކުއްޖާގެ ހިނިތުންވުން ވެސް ނުފެނި ކަމަށް ރެއިނާ ރޮމުން ބުންޏެވެ.

23 އަހަރުގެ ރެއިނާ 2019 ވަނަ އަހަރު ޖަލަށްލީ ހުއްދަ ނެތި ހަތިޔާރު ގެންގުޅުމުގެ ކުށުގައެވެ.