މިޙާލަތުގައި ރަމަޟާން މަހުގެ ބަރަކާތް ޙާޞިލް ކުރާނީ ކިހިނެއް؟ ޑރ.ޝަހީމްގެ ޚާއްޞަ ދަރުހެއް ، ''ދެން''ގެ އެފްބީ ޕޭޖުން
ފެތުރެމުންދާ ކޮވިޑް19ގެ ނުރައްކާތެރިކަން މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުތަކަށް ވެސް ވަނީ ފޯރާފައެވެ. މި ނުރައްކާތެރި ކަމާއެކު ރައްކާތެރިކަމުގެ މަގު އިޚްތިޔާރު ކުރުމަށް ޓަކައި އަހަރެމެންގެ އާންމު ދިރިއުޅުމަށް މިވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ބޭރަށް ނުނިކުމެ ގޭގައި ތިބެން ޖެހުމާއި އެކަމުގެ ސަބަބުން ދިރިއުޅުމަށް ފޯރަމުންދާ ތަކްލީފް ހިމެނެއެވެ.
މިއާއެކު އަހަރެމެންނާއި މި ބައްދަލު ކުރަނީ ބަރަކާތާއި ރަޙުމަތުން ފުރިގެންވާ ރަމަޟާން މަހެވެ. އެމަހެއްގައި ނަފްސުތައް ހެޔޮކަންކަމަށް ލަންބުވާ މައްސަރެވެ.
ރަމަޟާން މަހަކީ އެމަހަކަށް އަހަރެމެން ނުހަނު އިންތިޒާރުކުރާ މައްސަރެކެވެ. އެމަހުގެ ފަރުޟު ނަމާދާއި ތަރާވީޙް ނަމާދުގެ ބޮޑެތި ޖަމާޢަތްތަކުން ހިތަށް ފިނިކަން ގެނުވާއިރު ދަރުސްގެ ބޮޑެތި ޖަމާޢަތްތަކުން އީމާން ކަމާއި އިސްލާމީ އަޚްވަންތަކަމުގެ ރޫޙް އާލާ ވެގެންދެއެވެ. ހަމައެހެންމެ ބިދޭސީ މަސައްކަތު މީހުންނާއި އެކި ފެންވަރުގެ އެކި މީހުންނާއެކު ބޮޑެތި ސުފުރާތަކުގައި ، މިސްކިތުގައި ރޯދަ ވީއްލުމުގެ އިންތިޒާރުގައި އިންނަ ވަގުތަކީ އީމާނުގެ ހާދަ ފޮނި އަސަރެއް ކުރުވާ ވަގުތު ކޮޅެކެވެ.
ނަމަވެސް މިފަދަ އެއްވެސް ކަމެއް ކުރެވޭނެ މާހައުލެއް އަންނަ ރަމަޟާން މަހަކު ނެތެވެ. އެހެން ކަމަށްވުމާއެކު މި ރަމަޟާންމަހުގެ ބަރަކަތާއި ރަޙުމަތް އަހަރެމެން ޙާޞިލް ކުރާނީ ކިހިނެއް ހެއްޔެވެ؟
މިކަމުގެ އިރުޝާދު ދިނުމަށް ޑރ.މުޙައްމަދު ޝަހީމް ޢަލީ ސައީދު މިރޭ ، 20/04 ދުވަހުގެރޭ ތިޔަ ބޭފުޅުންނާއި ބައްދަލު ކުރައްވާނެއެވެ. (އިންޝާﷲ) މި ނޫހުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ގެނެސްދޭ ދަރުސް ފަށާނީ ރާއްޖޭ ގަޑިން 9:15 ގައެވެ.
ރާއްޖޭގެ އިސްލާމިކް މިނިސްޓަރ ކަން ވެސް ކުރެއްވި ޑރ.ޝަހީމް މިހާރު މަސައްކަތް ކުރައްވަނީ އޯއައިސީގައެވެ. އެޖަމްއިއްޔާގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރކަމުގެ މަޤާމުގައި ސަޢޫދީ އަރަބިއްޔާގައި މަސައްކަތް ކުރައްވަމުން ގެންދަވާއިރު ވެސް އެމަނިކުފާނު ގެންދަވަނީ އިރުޝާދާއި ދަރުސް ދެއްވަމުންނެވެ. އެގޮތުން ކީރިތި ޤުރުއާންގެ އެކި ސޫރަތްތަކަށް އަލިއަޅުވާލުމުގެ ފިލާވަޅުތަކާއި ނަބީބޭކަލުންގެ ސިޔަރަތުގެ ފިލާވަޅުތައް މިހާރުވެސް އެމަނިކުފާނުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ދެމުން ގެންދަވައެވެ.