ހަގީގީ ހާދިސާ: އެންމެ ގާތްއެކުވެރިޔާއަށް ލޯބިވެރިޔާ ތައާރަފްކޮށްދިނުމުން ދެން ފެނުނީ ތެޔޮނާށި ކާޅު ޖަހައިގަތް ތަން!
މިވާހަކަ އަކީ ހަގީގަތުގައި ވެސް ދިވެހި ޒުވާން ފިރިހެނަކަށް ކުރިމަތިވި ހާދިސާއެއްގެ ވާހަކައެވެ. މި ވާހަކަ އަކީ ބައެއް ފަރާތްތަކަށް މަޖާ ވާހަކަ އަކަށް ވެސް ވެދާނެއެވެ. ނަމަވެސް އެ ޒުވާނާ އަދިވެސް މިކަމާމެދު ހިތާމަކުރެއެވެ. ނުހަނު ދެރަވެއެވެ.
"އަހަރެންނާ އަހަރެންގެ ލޯބިވެރިޔާ އުޅެމުން އައީ ނުހަނު އުފާވެރިކޮށެވެ. ދެމީހުން އެކުގައި ކޮންމެ ދުވަހަކުމެ ވަގުތުތައް ހޭދަކުރަމުން އައީ ދުވަހަކުވެސް ވަކިނުވާން އެތަކެއް ވައުދެއް ވަމުންނެވެ. އޭނާ އަހަރެންނަށް ލިބުމަކީ އަހަރެންގެ ނަސީބޭ ވެސް އަހަރެންގެ ހިތަށް އެރިއެވެ. އޭނާ އޭރު އަހަންނަށް އެހާވެސް ރަނގަޅެވެ.
އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އަކީ އަހަރެންނާއެކު އެންމެ ގާތްކޮށް ސުކޫލު ދައުރުއްސުރެ އުޅޭ މީހެކެވެ. އަބަދުވެސް ދެމީހުން އެކަކު އަނެކަކަށް ދިމާވާ ހުރިހާ ކަމެއްހެން ހިއްސާކުރަމެވެ. އެކަކު އަނެކަކަށް ދިމާވާ ކަންކަމުގައި ދެމީހުން ވެސް އެހީތެރިވެދީ ހަދަމެވެ. ގިނަ ވަގުތުތަކެއް އެކުގައި ސަކަރާތް ޖެހުމުގައި ހޭދަކުރަމެވެ.
ކޮންމެއަކަސް އަހަރެންގެ ލޯބިވެރިޔާއަށް އަހަރެންގެ އެންމެ ގާތް ރަހުމަތްތެރިޔާ ތައާރަފް ކޮށްދޭނަމޭ އަހަރެންގެ ހިތަށް އެރިއެވެ. ބޭނުންވީ އަހަރެންގެ ދިރިއުޅުމުގައި އެންމެ މުހިއްމު ދެމީހުންނަކީ ވެސް އެކަކު އަނެކަކާ އެކުވެރި ދެމީހުންނަށް ވާށެވެ. ދެމީހުންނަކީ ވެސް ވާހަކަ ދައްކާ އުޅޭ ދެމީހުންނަށް ވާށެވެ.
އެހެން ކަމުން ދެމީހުން އެކަކު އަނެކަކަށް އެއް ދުވަހަކު އަހަރެން ތައާރަފް ކޮށްދީފީމެވެ. 3 މީހުން އެކުގައި ކޮފީއެއްގައި އެތައް ވަގުތެއް ހޭދަ ކުރީ އެކި ވާހަކަ ދެއްކުމުގައެވެ. އަހަރެންގެ އެކުވެރިޔާގެ ގާތުގައި އަހަރެން "ކަލޭ ވެސް ދެން އަވަހަށް ކުއްޖަކާ ރައްޓެހި ވާށޭ" ބުނީމެވެ. ނަމަވެސް ފަހަރުގައި ވެސް އަހަރެންގެ ހައްގެއް އަހަރެންގެ އަތުން ނިގުޅައިގަންނާނޭ ކަމަށް ހީކޮށްފައެއް ނޫނެވެ.
ދުވަސްތައް މާޒީވަމުން ދެއެވެ. ކުރިމަތިން އަންނަނީ ސުނާމީއެއްގެ ބޮޑު ރާޅު ކަން އަދި ވެހެން އޮތް ބޯ ވާރޭގެ ވިލާ ގަނޑުގެ ވައި ކަމެއް އަހަންނަށް ވިސްނައި ނުލެވުނީ އަހަރެންގެ މޮޔަ ކަމުން ކަންނޭނގެއެވެ. އެއް ދުވަހަކު އަހަރެންގެ އެކުވެރިޔާ އަހަރެންގެ ގާތުގައި އަހަރެންގެ ސައިކަލު އޭނާއަށް ދިނުމަށް އެދުނެވެ. ބުނީ "ބިޓެއް" ގޮވައިގެން ދުއްވާލަން ދިއުމަށް ކަމަށެވެ.
ކޮންމެއަކަސް އެދުވަހަކީ އަހަރެންގެ ހަވީރު ޑިއުޓީ އޮތް ދުވަސް ކަމުން ދެކޮޅު ހެދުމަކާ ނުލާ އަހަރެން ވެސް ސައިކަލު އޭނާއަށް ދީފީމެވެ. ފަހަރުގައި ވެސް އެ "ބިޓަކީ" އަހަރެންގެ ލޯބިވެރިޔާ ކަމަށް ހީކޮށްފައެއް ނޫނެވެ. އަހަރެންނަކީ އާންމުކޮށް އޮފީސް ގަޑީގައި ތަންތަނަށް ދާ މީހެއް ނޫނެވެ. ނަމަވެސް އެދުވަހު ނަސީބު ކަންދިމާ ކުރި ގޮތުން އަހަރެން އޮފީސް ރަހުމަތްތެރިއަކާއެކު ނޯތު ހާބަރަށް ދާން މިސްރާބު ޖެހީމެވެ.
ދިޔައީ ބޭރު މަގުން ލައިފައެވެ. ދިޔަ މަގުމަތީގައި އަހަރެން މަގުގައި ދުއްވަމުންދިޔަ އެހެން މީހުންނަކަށް މާ ބޮޑު ސަމާލު ކަމެއް ނުދެމެވެ. ނަމަވެސް ކުއްލިއަކަށް އަހަރެންގެ ލޮލުގައި އަޅައިގަތް މަންޒަރަކުން އަހަރެންގެ ފައިދަށުން ބިންގަނޑު ކަނޑައިގެން ދިޔަހެން އަހަރެންނަށް ހީވިއެވެ.
އަހަރެންގެ ސައިކަލުގައި އަހަރެންގެ ލޯބިވެރިޔާ ފަހަތަށް އަރުވައިގެން އެދަނީ އަހަރެންގެ އެންމެ "ގާތް" އެކުވެރިޔާ ވިއްޔާއެވެ. އަހަރެންނަށް މި ފެނުނު މަންޒަރު ގަބޫލެއް ނުކުރެވުނެވެ. އޮފީސް ކުއްޖާ އަކީ ވެސް އަހަރެންގެ އެކުވެރިއެއް ކަމުން އޭނާއަށް ވެސް އަހަރެން އެ މަންޒަރު ދެއްކީމެވެ. އޭނާ ވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަހަރެމެން ދިޔައީ އެ ދެމީހުންގެ ފަހަތުން މަޑު ދުވެއްޔެއްގައި ދުއްވަމުންނެވެ.
އަހަރެން ފޯނު ނަގާ އަހަރެންގެ ރަހުމަތްތެރިޔާއަށް ގުޅާލީމެވެ. މަޑުކޮށްފައި ވަރަށް އަވަހަށް ފޯނު ނަގައިފިއެވެ. ބުނީ މިހުރީ "ބިޓު" ގޮވައިގެން މަގުމަތީގައި ކަމަށެވެ. އަހަރެންގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އަދި އަހަރެން ވީ ދެރަ ވެސް ބުނެދޭކަށް އަހަންނަކަށް ނޭނގެއެވެ.
މާ ފާޑުފާޑު ވާހަކަ ނުދައްކާ ފަހަތް ބަލާބަލާށޭ އަހަރެން ބުނީމެވެ. އޭނާ ފަހަތް ބަލައިލީ އަހަރެން ފެންނާނެ ކަމަކަށް ނޫން ކަންނޭނގެއެވެ. ކޮންމެއަކަސް އަހަރެން އެދެމީހުންގެ ކައިރިއަށް ގޮސް އަހަރެންގެ ސައިކަލު ގެންނާށޭ ބުނީމެވެ. އަދި ތި ދާ ތާކަށް ހިނގާފައި ދާށޭ ވެސް ބުނީމެވެ.
އޭރު އަހަރެން ހުރީ ފެން ކަޅިވެފައެވެ. އަހަރެން ޑިއުޓީއަކަށް ވެސް އިތުރަކަށް ނުދަމެވެ. އަހަރެން ދިޔަގޮތަށް ދިޔައީ ގެއަށެވެ. ގެއަށް ވަދެވުމާއެކު އަހަރެންގެ ދެލޮލުން ހޯސްލައިފައި ކަރުނަތައް ފައިބައި ގަތެވެ. ދުނިޔެއަކީ ހާދަ ކެހިވެރި ތަނެކޭ އަހަރެންގެ ހިތަށް އެރިއެވެ.
އިރުކޮޅެއް ފަހުން އަހަރެންގެ ރަހުމަތްތެރިޔާ އަހަރެންނަށް މެސެޖު ކުރިއެވެ. އޭނާއާ އަހަރެންގެ ލޯބިވެރިއާ އާއި ވާހަކަ ދައްކާތާ ގާތްގަނޑަކަށް 2 ހަފްތާވަރު ވެދާނެ ކަމަށާއ އެ ދެމީހުންވެސް އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވާ ކަމަށް ބުންޏެވެ. އަދި ކުރިން ނުބުނެވުނީތީ މާފަށް އެދޭ ކަމަށާއި އެ ދެމީހުން އެކުގައި އުޅުމަށް ހުރަހަކަށް ނުވުމަށް އެދުނެވެ.
އަހަރެންގެ ލޯބިވެރިޔާ ވެސް އަހަރެންނަށް މެސެޖު ކުރިއެވެ. އޭނާ ލޯބިވަނީ އަހަރެން ދެކެ ނޫން ކަމަށާއި އަހަރެންގެ ރަހުމަތްތެރިޔާ ދެކެ އޭނާއަށް އިންތިހާއަށް ލޯބި ވެވިފައި ވާ ކަމަށް ބުންޏެވެ. އަހަރެން ވަކި ބުނާނީ ވެސް ކީކޭ ހެއްޔެވެ. އިތުރަށް ދައްކާނީ ކޮން ވާހަކައެއް ހެއްޔެވެ.
އަހަރެން އެދެމީހުން ގާތު ވެސް އެދުނީ ދެމީހުންވެސް އުފަލުގައި ވުމަށެވެ. އަހަރެންގެ އުފާވެރިކަން ނަގާލުމަށް ފަހު އެ ދެމީހުންނަށް އުފަލުގައި އުޅެވޭނެ ބާވައޭ ވެސް އަހަރެން ގެ ހިތަށް އެރިއެވެ. އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އަހަރެންނަށް ބޭވަފާތެރިވެ އަހަރެންގެ ލޯބިވެރިޔާ ޖަހައިގަތީއެވެ.
މިއަދު އަހަރެން އިތުބާރު ކުރާނީ ވަކި ކާކަށް ހެއްޔެވެ؟ ދުނިޔެއަކީ ހާދަހާ ކެހިވެރި ތަނެކެވެ. އެންމެ ކައިރީގައި ހީފައި އުޅެ އަހަރެންގެ ހިނިތުންވުން ފޭރިގަތުމަކަށް ވެސް އޭނާ ފަހެއް ނުޖެހުނު ވިއްޔާއެވެ. އަހަރެންގެ ހިތަށް އަރަނީ މީހަކަށް ދެރައެއް ދިނުމަށްފަހު އަނެކާއަށް އުފަލުގައި އުޅެވޭނެ ބާވައެވެ."
މިއީ އެންމެ މީހެއްގެ ވާހަކައެވެ. މިފަދަ ކަންތައްތަކާ ކުރިމަތިވެފައިވާ ކިތައް މީހުން އުޅޭނެ ބާވައޭ އަޅުގަނޑުގެ ހިތަށް އަރައެވެ. އެފަދަ މީހުންނަށް "ރަހުމަތްތެރިން" ގެ ލަގަބު ދެވޭނެ ބާވައެވެ. ނަމަވެސް ޔަގީންވާ އެއް ކަމެއް އެބަ އޮތެވެ. ތިމާ ފޭހުނު އިލޮށިގަނޑު ހެރޭނީ ތިމާގެ ލޮލަށޭ މުސްކުޅިން ބުނެ އުޅެނީ ސަމާސާ އަކަށް ނޫން ކަމެވެ.
މަ ލޯބި ވެރިޔާ ތައާރަފް ކޮއް ދީފަ ނުވާނެ މާ ގިނަ ދުވަހެއް ބެސްޓު ފުރެންޑު ކަޓުވާލީ.. ދެން ކަޓުވާ ނުލެވޭ ވަރު ކޮއްލައިން މި އުޅެނީ ބެސްޓު ފުރެންޑުގެ ކޮޮއްކޮ އާއި އިނދެގެން މި އުޅެނީ … އަޅެ ދެން ކަޓުވަބަލަ .. ހެހެ
ހަމަ ވަރަށް ސަ ޅި ތިގޮތް…
ހިޔާލިީވާަހަކަ އެއް އަސްލެއްކަމަށް ހަދާ ޖެނެރޭޓްކޮށްލަނީ. މިކަހަލަ މީހުންވެސް ވަރަށް ގިނައިން އުޅޭ!
އަޅެ މީނަޔަށް މިކަހަލަ މީހުންގެ ޒާތީ ދިރިއުޅުމުގެ ވާހަކަ ނޫނީ ހަބަރެކޭ ކިޔާފަ ލިޔަން ނޭންގެނީތަ
މިދެން ކިހާ ދެރަވެއްޖެ ކަމެއް، ހިތުން މާ މޮޅުވެގެން
އަސްލުހަމަ ސުމެއް