ޚަބަރު

ޝިނާޒާ އާއި ޝަދީދާ ބައްޕައަށް ގޯނާކޮށް ބިރުދައްކައި އިންޒާރުދެނީ، ފުލުހުން މައްސަލަ ނުބެލި

ދެން އެމްވީ ، ދެން އޮންލައިން

ގއ. ވިލިނގިލީގައި ދެ އަންހެނަކު އެމީހުންގެ ބައްޕައަށް ގޯނާކޮށް ބިރުދައްކައި އިންޒާރުދޭ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން މައްސަލަ ނުބެލި ކަމަށް އެމީހުންގެ ބައްޕަ ބުނެފިއެވެ.

Ads by Sosun Fihaara

ވިލިނގިލީ ޝިނާޒާ އާއި ޝަދީދާ އެ ދެ މީހުންގެ ބައްޕައަށް ތަކުރާރުކޮށް ގޯނާކޮށް، ބިރުދައްކައި އިންޒާރުދޭ މައްސަލަ ވިލިނގިލީ ޕޮލިސްޓޭޝަނަށް ހުށަހަޅާފައިވާ ކަމަށް އެ މީހުންގެ ބައްޕަ ވަނީ ބުނެފައެވެ.

ފޭސްބުކުގައި ވަނީ އެ ދެ މީހުންގެ ބައްޕަގެ ވީޑިއޯ އިންޓަވިއުއެއް ދައުރުވެފައެވެ.

އެ ވީޑިއޯގައި އެ ދެ މީހުންގެ ބައްޕަ ވަނީ ވަރަށް ތަފްސީލުކޮށް އެމީހުން އޭނާ އަށް ހަދަމުން އަންނަ ގޮތްތައް ކިޔައިދީފައެވެ.

އެމީހުންގެ ބައްޕަ ބުނީ އެއް ދުވަހަކު ޝިނާޒާ އޭނައާ ދިމާލަށް ކޭޝް ކާޑު އެއްލާލި ކަމަށާއި ފަހުން ގޮސް ބެލިއިރު، އޭނާއަށް ލިބިފައިވާ ދެ މަހުގެ ޕެންޝަން ފައިސާ ވަނީ ވަގަށް ނަގާފައި ކަަމަށެވެ.

އަދި އޭގެފަހުން ކަރަންޓް ބިލް ދެއްކުމަށްޓަކައި އޭނާގެ އަތުން 3000 ރުފިޔާ ނަގާފައިވާ ކަމަށެވެ.

ޝިނާޒާ އާއި ޝަދީދާގެ ބައްޕަ ބުނީ އެ ދެ މީހުން އޭނާއަށް ކައްކާފަ ކާން ނުދޭތަނުގައި އަންނައުނު ވެސް ނުދޮންނަ ކަމަށެވެ.

އޭނާ ބުނީ އެއް ދުވަހަކު ވުޟޫކުރަން ފާޚާނާއަށް ވަނުމުން ކަރަންޓް ކަނޑާލި ކަމަށެވެ. އަދި އެހެން ދުވަހެއްގައި ފާޚާނާގައި ހުއްޓައި ފެން މޯޓަރު ކަނޑާލި ކަމަށް ވެސް ޝިނާޒާ އާއި ޝަދީދާގެ ބައްޕަ ބުންޏެވެ.

އޭނާ ދިރިއުޅޭ ކޮޓަރި ހަލާކުކޮށް ވިދިވިދިކޮށް، ގެއިން ބޭރުކުރާނެ ކަމަށް ބުނެ ޝިނާޒާ އާއި ޝަދީދާ ބިރުދައްކައި، އިންޒާރުދީފައިވާ ކަމަށެވެ.

މީގެއިތުރުން ޝިނާޒާ އާއި ޝަދީދާ އެމީހުންގެ މާމައާ ދިމާލަށް އަވަގުރާނަ ގޮވާފައިވާ ކަމަށް ވެސް އެ މީހުންގެ ބައްޕަ ހިތާމައާ އެކު ކިޔައިދިނެވެ.

"ﷲ ދެނެވޮޑިގެންވާނެ އެމީހުން ކަންތައްތައް އެކުރާގޮތް،" ޝިނާޒާ އާއި ޝަދީދާގެ ބައްޕަ ބުންޏެވެ.

ފުލުހުން އެ މައްސަލަ ނުބެލުމުން އޭނާ ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. އަދި ވިލިނގިލީގައި ޖެންޑާ މިނިސްޓްރީގެ ސެންޓަރެއް ހުރިނަމަވެސް އެތަނުން ވެސް އެ މައްސަލަ ނުބަލައެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ ބަހެއް ނުލިބެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!