މުނިފޫހިފިލުވުން

ބަލި މީހުން ހެއްވަން މިޑޮކްޓަރު ނެށި ނެށުން ދަސްކުރަން، ރިތިކް ރޯޝަން ވެސް ބޭނުން ވެއްޖެ

ކޮވިޑް-19 ގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުން ބަދަލުވެ، ކޮންމެ މީހަކު ވެސް އެބަޔަކު އެންމެ ކުރާ ހިތްވާ ކަންތައްތަކެއް ކުރުމަށް މިވަނީ ފުރުސަތު ވެސް ލިބިފައެވެ. މިފަދަ ފުރުސަތެއް ނުލިބި ތިބި ބަޔަކީ ހަމައެކަނި ކޮވިޑާ ހަނގުރާމަ ކުރުމަށާއި ބަލި މީހުންނަށް ފަރުވާ ދިނުމުގައި އަވަދިނެތި އުޅޭ ސިއްޙީ ޚިދުމަތްތެރީންނެވެ.

އެފަދަ ޚިދުމަތްތެރީން ދުވާލަކު 18 ގަޑިއިރާއި 20 ގަޑިއިރާ ދެމެދުގެ ވަގުތަކަށް މަސައްކަތް ކުރެއެވެ. ވަރުބަލި ކަމަށް ވެސް ނުވިސްނައެވެެ.

ނަމަވެސް ދާދި ފަހުން އިންޑިއާގެ ޑޮކްޓަރެއްގެ ހުނަރުވެރި މޮޅު ނެށުމުން މިވަނީ އެތައް ބައެއްގެ ސަމާލުކަން ހޯދާފައެވެ. އާސަމްގެ ސިލްޝާ މެޑިކަލް ކޮލެޖު ގެ އީއެންޓީ ސަރޖަން ކަމަށްވާ ޑރ. އަރޫޕް ސެނާޕަޓީ، ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދާ ބަލިމީހުން ހެއްވުމަށް ކޮންމެ ދުވަހަކު އެމީހުން ކުރިމަތީގައި ނަށައެވެ.

 

ޑރ. އަރޫޕް ބުނެފައިވާ ގޮތުގައި އޭނާއަކީ ކުރިން ވެސް ނެށި މީހެކެވެ. ހޮބީ އެއްގެ ގޮތުން ބައެއް އާއިލީ ހަފްލާތަކުގައި ވެސް އޭނާ ނެށިއެވެ. އެހެންކަމުން އެހުނަރު އޭނާގެ ކިބައިގައި ހުރެއެވެ.

ޑރ. އަރޫޕް ގެ ނެށުން ފެނިފައި އުފާވީ ހަމައެކަނި ބަލި މީހުންނެއް ނޫނެވެ. އޭނާ ޑާންސް ކުރަނިކޮށް ނަގާފައިވާ ވީޑިއޯއެއް މީސް މީޑިއާއިން ފެނިގެން ބޮލީވުޑްގެ މަޝްހޫރު އެކްޓަރ އަދި އެހާމެ ރީތިކޮށް ނެށުންތެރިޔާ، ރިތިކް ރޯޝަން ގެ ތަރުހީބު ވެސް ޑރ. އަަރޫޕް އަށް ވަނީ ލިބިފައެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި ޑރ. އަރޫޕް ގެ ވީޑިއޯ ހިއްސާ ކުރަމުން ރިތިކް ބުނެފައިވަނީ އޭނާގެ ނެށުންތައް ދަސްކުރަން ބޭނުންވާ ކަމުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!