ޚަބަރު

ވެންޓިލޭޓަރު މައްސަަލައިގައި އަމީނަށް ދައުވާ ނުކުރަން ނިންމައިފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ގެންނަން ނިންމި ވެންޓިލޭޓަރު ގެނައުމަށް ދުބާއީ ކުންފުންޏަކަށް ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިމެނޭ ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން 11 މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލައިގައި މައްސަލައިގައި އެއްވެސް ފަރާތަކާ ދެކޮޅަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމުގައި ޕްރޮސެކިއުޓާ ޖެނެރަލް(ޕީޖީ) އިން ހާމަކޮށްފިއެވެ.

Ads by Sosun Fihaara

ޕީޖީ އޮފީހުން ބުނެފައިވަނީ ހެލްތް މިނިސްޓްރީން 75 ވެންޓިލޭޓަރު ސަޕްލައިކޮށްދިނުމަށް ދުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ދިރާސާކޮށްފައިވާ ކަމަށާއި އަދި މި މައްސަލައާ ގުޅިގެން ގޮތެއް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މައްސަލަ ބެލި ބެލުމުން، މައްސަލާގައި ދައުވާ ނުކުރުމަށް ނިންމައި، މައްސަލަ އަނބުރާ ގެންގޮސްފައިވާ ކަމަށް ޕީޖީން ވަނީ ހާމަކޮށްފައެވެ.

ބެލެވޭ ގޮތުގައި މި މައްސަލައިގައި ދައުވާ ނުކުރުމަށް ނިންމާފައިވަނީ އެކަށީގެންވާ މިންވަރަށް ހެކި ނެތުމުގެ ސަބަބުންނެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ގެނައުމަށް އެއްބަސްވި ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ދައުވާ ކުރުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ 11 ފަރާތެއްގެ މައްޗަށެވެ. އެއީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން، ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު، ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުހައްމަދު، ހެލްތް މިނިސްޓްރީގެ ޑިރެކްޓަރު ނައުޝާދު އަލީ، ހެލްތް މިނިސްޓްރީގެ ބިޑް ކޮމިޓީގެ މެމްބަރު އާމިނަތު ޝައުފާ، ހެލްތް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އަދި ބިޑް ކޮމިޓީގެ މެމްބަރު ފާތިމަތު ލިމްޔާ، ހެލްތް މިނިސްޓްރީގެ ފައިނޭންސް އެގްޒެކްޓިވް އަހުމަދު އަސްލަމް، ހެލްތް މިނިސްޓްރީގެ ލީގަލް އޮފިސަރު އަލީ ޝިހާމް ހެލްތުގެ އެސިސްޓެންޓް ޑައިރެކްޓަރު އަބްދުﷲ ހަފީޘް، ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރު ހުސައިން ނިޔާޒް އަދި ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަބްދުﷲ ޝަރީފް ގެ މައްޗަށެވެ.

 

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!