ޚަބަރު

އިންޓަނޭޝަނަލް ޕޭމަންޓްގެ ގޭޓްވޭގެ ހިދުމަތް ހަ މަސް ތެރޭގައި ފެށޭނެ: އެމްއެމްއޭ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރާއްޖޭގައި އިންޓަނޭޝަނަލް ޕޭމަންޓް ގޭޓްވޭގެ ހިދުމަތް ގާއިމް ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމުގައި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ގަވަރުނަރު މިހެން ވިދާޅުވީ ރާއްޖޭގައި ޒަމާނީ އޮންލައިން ޕޭމަންޓް ސިސްޓަމް ގާއިމްކުރެވޭއިރު އެ ސިސްޓަމް މެދުވެރިކޮށް ހިންގާ މުއާމަލާތްތައް ރެގިއުލޭޓް ކުރުމުގެ ގޮތުން ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު ހުށަހެޅުއްވި އޮންލައިން ޕޭމަންޓް ސިސްޓަމް ބިލް އާ ގުޅޭ ތަފްސީލް ދެއްވަމުންނެވެ.

އެގޮތުން މެންބަރަކު ކުރި ސުވާލަކަށް ޖަވާބު ދެެއްވަމުން ގަވަރުނަރު ވިދާޅުވީ އިންޓަނޭޝަނަލް ޕޭމަންޓް ގޭޓްވޭގެ ހިދުމަތް ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށް އޮތް 6 މަސްތެރޭގައި ނިންމާލެވޭނެ ކަމަށެވެ. އަދި ޒަމާނީ އިންސްޓެންޓް ޕޭމަންޓް ސިސްޓަމެއް ގާއިމް ކުރެވިގެންދާނެ ކަމަށް ވެސް ގަވަރުނަރު ވިދާޅުވިއެވެ.

ގަވަރުނަރު ވިދާޅުވީ މިހާރު ކުރިއަށްދަނީ އޮންލައިން ސިސްޓަމްގެ ޓެސްޓިން މަރުހަލާއެއް ކަމަށެވެ. އަދި މި މަރުހަލާއަށް 6 މަސް ދުވަސް ނަގާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ގަވަރުނަރު ވިދާޅުވީ ޕްރޮޖެކްޓްގެ ދެވަނަ މަރުހަލާގެ ދަށުން ކްރޮސް ބޯޑާ ޓްރާންސެކްޝަންތައް ވެސް ރިއަލް ޓައިމްކޮށް ހިންގުމަށް މަގުފަހި ކުރުމަށްޓަކައި ރާއްޖޭގެ ގައުމީ ޕޭމަންޓް ސިސްޓަމާއި ދުނިޔޭގެ އެހެން ގައުމުތަކުގެ ނެޝެނަލް ޕޭމަންޓް ސިސްޓަމްތަކާއި އިންޓަގްރޭޓް ކުރުމުގެ މަސައްކަތް ވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!