ބަންގްލަދޭޝް އަދި ނޭޕާލްގައި ތިބި 71 ދިވެހި ދަރިވަރުން ރާއްޖެ ގެނެސްފި އެވެ.
މަހަކަށް ވުރެ ގިނަ ދުވަހު އެ ގައުމުތަކުގައި ތާށިވެފައި ތިބުމަށް ފަހު ރާއްޖެ ގެނެސްފައިވަނީ ދިވެހި ޑޮކްޓަރުންނާއި މެޑިސިން ކިޔަވަމުންދާ ދިވެހި ދަރިވަރުންނެވެ.
ފޮރިން މިނިސްޓްރީން ބުނީ ނޭޕާލާއި ބަންގްލަދޭޝްގައި ތިބި ދިވެހިން ރާއްޖެ ގެނައީ ބަންގަލްދޭޝްގެ އަސްކަރީ މަތިންދާބޯޓެއްގައި ކަމަށާއި އެގޮތުން ބަންގަލްދޭޝްގައި ތިބި 53 ދިވެހިންނާއި، ނޭޕާލުގައި ތިބި 18 ދިވެހިން ގެނެސްފައިވާ ކަމަށެވެ.
މީގެ އިތުރުންވެސް ކޮވިޑް19 ގެ ކަންކަމުގައި އެހީވުމަށް ބަންގްލަދޭޝް ގެ މެޑިކަލް ޓީމެއް މި މަތިންދަބޯޓުގައި ރާއްޖެ އައިސްފައިވާ ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެއެވެ.
ބަންގްލަދޭޝް ގެ އަސްކަރީ މަތިންދާ ބޯޓު އެނބުރި ގައުމަށް ފުރާއިރު ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ 70 ބަންގްލަދޭޝް މީހުން އަނބުރާ ފޮނުވާލަން ވަނީ ނިންމާފައެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް 100 ޓަނުގެ ކާޑުގެ ބާވަތްތަކާ ބޭހާއި މެޑިކަލް އިކުއިޕްމަންޓްސް، ހިލޭ އެހީގެ ގޮތުގައި ބަންގްލަދޭޝްއިން ވަނީ ހަދިޔާކޮށްފައެވެ. މިތަކެތި ހިފައިގެން އެ ގައުމުގެ އަސްކަރީ މަނަވަރެއް މިހާރު ދަނީ ރާއްޖެ ދަތުރުކުރަމުންނެވެ.