ކުލި ނުދެއްކިގެން ގެއިން ނެރުނު ދެބެންނަށް ސަރުކާރުން ވަގުތީ ހިޔާ ފޯރުކޮށްދީފި
ކުލި ނުދެއްކިގެން ރޭ މާލޭގެ ގެއަކުން ނެރުނު ދެ ކުދިންނަށް ސަރުކާރުން ވަގުތީ ހިޔާވަހިކަމެއް ހަމަޖައްސައިދީފިއެވެ.
ރޭ މާލެ ގެއަކުން ނެރުނު މި ދެކުދިން އާންމުންގެ ސަމާލުކަމަށް އައިސްފައިވަނީ މީސް މީޑިއާގައި ދައުރުވި ޕޯސްޓަކާއި ގުޅިގެންނެވެ.
އެ ޕޯސްޓުކުރި މީހާ ޕޯސްޓުގައި ބުނެފައި ވާ ގޮތުގައި ދިލްބަހާރު މަގު މައްޗަން ގޯޅީ ސަހަރާ ކައިރީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ދަބަސްތައް ހިފައިގެން މަގުމަތީ ތިބިތަން ފެނިގެން ސުވާލުކޮށްލުމުން، ކުލި ނުދެއްކިގެން ގެއިން ނެރެފައިވާ ކަމަށް ބުނި ކަމަށެވެ.
އަދި ދާނެ އެހެން ގެއެއް ހުރިތޯ ސުވާލުކޮށްލުމުން މާފަންނު ގެއެއްގައި ދައްތައެއް ހުންނަ ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެގެއަށް ދިޔަސް ނުވައްދާނެ ކަމަށް ދައްތަ ބުނި ކަމަށާއި އަދި މިހާރު ގުޅުމުން ފޯނުވެސް ނުނަގާ ކަމަށް ވެސް އެކުދިން ބުނެފައިވެއެވެ.
ފުލުހުންގެ ބެލުމުގެ ދަށުން އެކުދިން ފުރަތަމަ ގެންދެވިފައިވަނީ އިމާދުއްދީން ސްކޫލަށެވެ.
މި މައްސަލައާއި ގުޅިގެން ޖެންޑަރ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ކުރި ޓްވީޓެއްގައި ކުލި ނުދެއްކިގެން ގެއިން ނެރުނު ދެބެއިންނަށް މިހާރު ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުންވެސް މީސް މީޑިއާ ތެރެއިން ވެސް ގިނަ ބަޔަކު އެކުދިންނަށް އެހީ ވުމަށް މަސައްކަތް ކޮށްފައިވާ ކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.
ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ އިގްތިސާދީ ހާލަތާއި ގުޅިގެން ގިނަ ބައެއްގެ ވަޒީފާ ގެއްލި އާމްދަނީ ލިބޭނެ މަގު ވަނީ ބަންދުވެ މަގުމަތިވަމުން އަންނަ މައްސަލަތައް ދަނީ އިތުރުވަމުންނެވެ.