ކެންސަރު ބަލިން ރަނގަޅުވެ، ސަންޖޭދަތު އެނބުރި ގެއަށް

ފުއްޕާމޭގެ ކެންސަރަށް ފަރުވާ ހޯދަމުން އައި ބޮލީވުޑްގެ ތަރި ސަންޖޭ ދަތު ކެންސަރުން ރަނގަޅުވެ، އެނބުރި ގެއަށް ބަދަލުވެއްޖެއެވެ.
ސަންޖޭއަށް ކެންސަރު ޖެހިފައި ހުރި ކަން އެނގިފައި ވަނީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ނޭވާލާން އުނދަގޫވެގެން ހޮސްޕިޓަލުގައި އެޑްމިޓު ކުރުމުން ހެދި ޓެސްޓުތަކުންނެވެ.
މުމްބާއީގެ ކޮކިލާބެން ހޮސްޕިޓަލުން ސަންޖޭ ދޫކޮށްލާފައި ވަނީ ބުދަ ދުވަހުއެވެ. އޭގެ ފަހުން ސަންޖޭ ވަނީ އޭނާގެ ކޮއްކޮ ޕްރިޔާދަތާއެކު ގޭކައިރިން ފެނިގެން ގޮސްފައެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ސަންޖޭ ފެނިގެންގޮސްފައި ވަނީ ވަރަށް ވެސް ހިތްހަމަޖެހިފައި ހުއްޓައެވެ.
ދާދިފަހުން ސަންޖޭގެ އެއްމާބަނޑު ދެކުދިންގެ އުފަންދުވަސް ދުބާއީގައި ފާހަގަ ކޮށްފައިވާއިރު، ސަންޖޭ މިކަމުގައި ބައިވެރިވެފައި ވަނީ ވީޑިއޯކޯލް މެދުވެރިކޮށެވެ.
ސަންޖޭ ކެންސަރުން ރަނގަޅުވިކަން ހާމަކޮށްފައި ވަނީ އޭނާގެ ދެ ކުދިންގެ އުފަންދުވަހުގައި ނެރުނު ސްޓޭޓްމެންޓެއްގައެވެ.
ސަންޖޭ ވަނީ ކެންސަރަށް ފަރުވާ ހޯދުމުގެ ކުރިން އޭނާ ސޮއި ކޮށްފައިވާ ބައެއް ފިލްމުތަކުގެ ޝޫޓިން ނިންމާފައެވެ. އެގޮތުން މިހާރު އޭނާ ކުރަމުން އަންނަނީ "ކޭޖީއެފް ޗެޕްޓަރ 2" ގެ އެންމެ ފަހުގެ މަންޒަރުތައް ނެގުމުގެ މަސައްކަތް ކަމުގައި ރިޕޯޓުތައް ބުނެއެވެ.