ބަސް ސްޓޮޕެއް "ވަގަށް" ނަގައިފި ، ހޯދައިދިން މީހަކަށް ފައިސާގެ އިނާމެއް

އިންޑިއާގެ ޕޫނޭގައި ހުރި ބަސް ސްޓޮޕެއް ވަގަށް ނަގައިފިއެވެ.
އެގައުމުގެ މީޑިއާތައް ރިޕޯޓް ކޮށްފައިވާ ގޮތުގައި ވަގަށް ނަގާފައިވަނީ ޕޫނޭގެ ޑެވާކީ ޑިސްޓްރިކްޓްގެ ޕޮލިސް ސްޓޭޝަންގެ ކުރިމަތީގައި ހުރި ބަސް ސްޓޮޕެކެވެ.
މީޑިއާތައް ބުނާ ގޮތުގައި ބަސް ސްޓޮޕް ހުރި ތަނުގައި މިހާރު ވަނީ އިއުލާނެއް ހަރުކޮށްފައެވެ. މަރާޓީ ބަހުން ނެރެފައިވާ އެ އިއުލާންގައި ބުނެފައި ވަނީ ބަސް ސްޓޮޕް ހޯދައިދިން މީހަކަށް 5000 ރުޕީސްގެ އިނާމެއް ހުށަހަޅާފައިވާ ވާހަކައެވެ.

މިކަމާ ގުޅިގެން މީސްމީޑިއާގައި ޚިޔާލު ފާޅު ކުރި މީހަކު ބުނެފައި ވަނީ އެތަނުގައި ޔަގީނުން ވެސް ބަސް ސްޓޮޕެއް ހުރި ކަމަށާއި ކޮންމެވެސް މީހަކު ޔަގީނުން ވެސް އެ ބަސް ސްޓޮޕް "ވަގަށް" ނަގާފައިވާ ކަމަށެވެ. އަދި އެމީހަކީ ޕޫނޭގެ ޕަބްލިކް ޓްރާންސްޕޯޓް އޮފީސް ކަމަށް ވެދާނެ ކަމަށް ވެސް އޭނާ ލިޔެފައިވެއެވެ. އެހެން މީހަކު ބުނެފައި ވަނީ ތިވާނީ "ބަސް ސްޓޮޕް ، ބާދަގަނޑަށް ކިރާލީ" ކަމަށެވެ.
ޕޫނޭގައި މިފަދަ ހާދިސާއެއް ހިނގާފައިވާއިރު އިންޑިއާގެ އެކި ސްޓޭޓްތަކުގައި ބަސް ސްޓޮޕްތައް ހުންނަ ތަން ބަދަލު ކުރުމަކީ އެކި ދުވަސްވަރު މަތީން ހިނގާ ކަމެކެވެ.